ޝަހީދާ އަބްދުﷲ ސައީދު
އެލިއަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސްގެ) ރިޔާސަތުގައި ރާއްޖެ އޮވެގެން ކުރި މަސައްކަތްތަކުން ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކުރިއަށް އޮތްތަނުގައި ދަމަހައްޓަން ޖެހޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރި މަސައްކަތްތައް ހާމަކުރައްވައި، ''ވަޓް ޔޫ ޑޫ ފޯ ސްމޯލް އައިލަންޑްސް، ޔޫ ޑޫ ފޯ ދަ ވޯރލްޑް 2015-2018'' ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމުގެ މުހިއްމުކަމާބެހޭ ގޮތުން އިންޓަގަވަންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ފަރާތުން އޮކްޓޯބަރު މަހު ނެރެފައިވާ ރިޕޯޓަކީ، ރާއްޖޭގެ ރިޔާސަތުގެ ދަށުން އެއޯސިސް އިން ބާރު އަޅައިގެން ތައްޔާރުކުރުމަށް ނިންމި ރިޕޯޓެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއޯސިސްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާފައިވާ ގޮތް އެއޯސިސްގެ މެންބަރު ގައުމުތަކުން ބަލައިގެންފައިވާ ކަމަށާއި، އެގޮތުން ރާއްޖެއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ބައިނަލްއަގުވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ދުނިޔޭގެ ސަމާލުކަމަށް ގެނުވި މުހިއްމު ރިޕޯޓެއް ކަމަށް ވާތީ، ކުދި ޖަޒީރާ ގައުމުތަކަށް މި ރިޕޯޓުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އ.ދ. ގެ ދެމެހެއްޓެނިވި ތަރައްގީއާބެހޭ ލަނޑުދަނޑިތައް އެކުލަވައިލުމުގެ މަޝްވަރާތަކުގައި ވެސް، އެއޯސިސްގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ ރާއްޖޭގެ ރިޔާސަތުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ހިންގި އެއޯސިސް ފެލޯޝިޕް ޕްރޮގްރާމުގައި ހަތަރު ދިވެހިން ނިއުޔޯކްގައި ތަމްރީނުކޮށް، ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން މުޅި ޖުމްލަ 16 މީހުން ވަނީ މި މުއްދަތުގައި ޕްރޮގްރާމު ފުރިހަމަކޮށްފައެވެ.
މިއަދު ނެރުނު ފޮތަކީ ކުދި ޖަޒީރާ ގައުމުތަކަށް އަންނަ މޫސުމާ ބެހޭ ބަދަލުތަކާއި އެ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ފޮތެކެވެ.