ޚަބަރު

ލަންކާ ބޮޑުވަޒީރު ތަގުގީރު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާނީ 9:30ގައި

އިބްރާހިމް ޒަކީ

ރަސްމީ ދަތުރު ފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާނީ، 9:30 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަނިލްގެ ތަގުގީރުގައި ދެ ގައުމުގެ ދެމެދުގައި އޮތް މުހިއްމު ގުޅުމާއި، އެ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުގެ މައްޗަށް ބައްލަވައިލައްވާނެ އެވެ. އަދި ތާރީހީގޮތުން ދެ ގައުމގެ ދެމެދުގައި އޮތް ގުޅުމާއި، ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަގަފުޅުގައި ބައްލަވައި ލައްވާނެ އެވެ.

ލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރު ފުޅުގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އިއްޔެ ބައްދަލު ކުރައްވައި ވަނީ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވައިފައެވެ.

އެ ވާހަކަތަކަށްފަހު މުހިއްމު ހަތަރު އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކުރައްވައިފައެވެ.

އޭގެ ތެރޭގައި ސްރީ ލަންކާއަށް ދާ ދިވެހިންނަށް އެގައުމުން 90 ދުވަހުގެ އޮން އެރަވައިލް ވިސާ ލިބޭ އެއްބަސްވުން "އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް" އާއި "އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން" ރާއްޖެއާއި ސްރީލަންކާގެ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ ހާއްސަކޮށް ގުޅުންހުރި ދާއިރާތަކުން ކަމާގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާ އެކީ ކަންކަމުގެ މައުލޫމާތު ބަދަލުކުރުމަށް ވެވުނު އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން "އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން" އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ދެގައުމުގެ މެދުގައި އެއްބާރުލުން ދިނުމާއެކު މިރޮނގުން އެންމެ ނާޒުކު ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުމަކާއި، މްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތު ޑިވެލޮޕްމަންޓް ގެ ނަމުގައި، ޒުވާނުންނަށް އަމާޒުކޮށްގެން މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްގީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނުތައް ހިންގުމަށް ސޮއިކުރެއްވި އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ތާރީހާއި ސަގާފަތް ދިރުވައި އާލާކުރުމާއި، ބަހާއި އާދަކާދައިގެ ތެރެއިން އިލްމީ ދިރާސާތައް ހެދުންވެސް ހިމެނެއެވެ.