ޚަބަރު

ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ފަތޯނާ ފާއިޒު

ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްްސް އިން ބުނީ އިއްޔެ އެ ތަކެތި އަތުލައިގެންފައިވަނީ ލަންކާއަށް ފޮނުވަން އުޅުނު ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 99 ގުޅަ ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 38 ގުރާމް ހުރި ކަމަށެވެ.

އަދި އެތަކެތީގެ މަގުމަތީގެ އަގު 79200 ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭއިރު، ފުރަތަމަ މަރުހަލާގައި އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ލަންކާއަށް ގެންދަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، ފުލުހުން ދަނީ އެމައްސަލަ ބަލަމުންނެވެ.

ކަސްޓަމްސްއިން ބުނީ އެ އިދާރާއިން މިއަހަރުގެ މިހާތަނަށް 23.686 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.