ޝަހީދާ އަބްދުﷲ ސައީދު
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރި މަސައްކަތްތައް ހިމަނައިގެން ''ވަޓް ޔޫ ޑޫ ފޯ ސްމޯލް އައިލަންޑްސް، ޔޫ ޑޫ ފޯ ދަ ވޯރލްޑް 2015-2018'' ގެ ނަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ފޮތެއް ނެރެދެއްވައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ފޮތަކީ ކުދި ޖަޒީރާ ޤައުމުތަކަށް އަންނަ މޫސުމީ ބަދަލުތަކާއި އެ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ފޮތެކެވެ.
އެގޮތުން ރާއްޖޭގެ ރިޔާސަތުގެ ދަށުން އެލިއަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސްގެ) ފަރާތުން ބޮޑެތި ކާމިޔާބީތައް ހާސިލުކޮށްފައި ވާއިރު، ޕެރިސް އެގްރީމެންޓް އެކުލަވާލައި، ޕެރިސް އެގްރީމެންޓް ފާސްކުރެވިގެން ދިޔައީ އެއޯސިސްގެ ފަރާތުން ބާރުއެޅި މުހިއްމު ކަންތައްތަކެއް ހިމަނައިގެންނެވެ.
އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނބުރައި އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމަށް ބައިނަލްއަޤުވާމީ މުޖްތަމައުން ބަލައިގަނެ 'ލޮސް އެންޑް ޑެމޭޖް' އާ ބެހޭ ބާބެއް އެއްބަސްވުމުގައި ހިމެނުމާއި، ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމުގެ ލަނޑުދަނޑި އާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ފިޔަވަޅު އެޅުމަށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ބޭނުންވާ ފައިސާގެ އެހީދޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަމުން ގެންދިއުމަށް ތަރައްގީވެފައިވާ ގައުމުތަކުން އެއްބަސްވުން ހިމެނެއެވެ.