ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު އެހެން ވިދާޅުވީ އިންޑިއާގެ ވެރިކަން ކުރާ ސިޓީ ދިއްލީގައި، މިއަދުން ފެށިގެން މި މަހުގެ ހަޔަކަށް ކުރިއަށްގެންދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމެޓީގެ 72 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަައިގައި ވަނީ ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ނައްތާލެވޭ ބަލިތައް އުޅޭ ސަރަހައްދުތަކުން އަންނަ ބިދޭސީންގެ ސަބަބުން އެކަމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
އަދި ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަކަށްވުމާއެކު، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިތުރު ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ބައެއް ކާމިޔާބީތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖެއަަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލު ނުވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގައުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ގައިން ގަޔަށް އަރާ ބަލިތައް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ 2022 ވަނަ އަހަރުގައި ރާއްޖެއިން ޓީބީ ނައްތާލައި، 2023 ވަނަ އަހަރު ރާއްޖެއިން ޖުޒާމްބަލި ނައްތާލުން ކަމަށެވެ.
މީގެ އިތުރުން އަންހެނުންނަށް ޖެހޭ ބައްޔެއް ކަމަށްވާ ސާވިކަލް ކެންސަރު ޖެހޭ މިންވަރު މަދުކުރުމަށްޓަކައި ދޭ އެޗްޕީވީ ވެކްސިން މިއަހަރުގެ މާޗު މަހުގައި ދޭން ފެށި ކަމާއި ދުންފަތުގެ އުފެއްދުންތަކުގައި ދުންފަތް ބޭނުން ކުރުމުން ލިބޭ ގެއްލުންތައް ދައްކުވައިދޭ މަންޒަރު ފެންނަ ގްރެފިކް ހެލްތު ވޯނިންތައް ދެވެން ފެށުނުކަންވެސް ހެލްތު މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަކީ ޕަބްލިކް ހެލްތުގެ އަހަރުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން އަމާޒު ހިފާފައިވާ އަހަރެއް ކަަމަށެވެ. އެގޮތުން އަންނަ އަހަރު ސިއްހީ ކަންކަން ޕްރޮމޯޓްކޮށް، ސިއްހީ ދާއިރާގައި އެންމެ އަސާސީ ހިދުމަތްތަކާއި ބަލިތަކުން ރައްކާތެރިވުމަށް އިސްކަމެއްދީގެން މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަހައްދުގެ 11 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅައި ސަރަހައްދުގެ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ މުހިންމު "ގަވަރނަންސް" ބައްދަލުވުމެކެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަހަރުގެ ރީޖަނަލް ކޮމެޓީގައި ސިއްހީ ދާއިރާއަށް ކުރިމަތިވާ އިމަޖެންސީ ހާލަތްތަކާއި އެކަންކަމަށް ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަހައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންގެ ހާއްސަ ވަށްމޭޒު ބައްދަލުވުމެއް މިމަހު ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.