ޚަބަރު

ރަޝިއާ، އޮމާން އަދި ނޭޕާލްއާއެކު އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާ ކޮށްފި

ފަތޯނާ ފާއިޒު

ރަޝިއާ، އޮމާން އަދި ނޭޕާލްއާއެކު އޮންނަ ގުޅުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމުތަކުގެ އިސްވެރިންނާއެކު މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މަޝްވަރާތައް ކޮށްފައިވަނީ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ނޭޕާލްގެ ހާރިޖީ ވަޒީރު ޕްރަދީޕް ކުމާރު ގިޔަވާލީ އާއި އޮމާންގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ބަދްރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީ އަދި ރަޝިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއާއެކު މިނިސްޓަރު ޝާހިދާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ކަމަށެވެ.

ވަކި ވަކިން ބޭއްވި އެ ބައްދަލުކުރެއްވުންތަކުގައި ރާއްޖެ އާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާއިރު، އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ވެސް ބައެއް ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެއެވެ.

އިންޑިއަން އޯޝަން ކޮންފަރެންސަކީ އިންޑިއާ ފައުންޑޭޝަނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ފޮރިން ސާވިސަސް އިންސްޓިޓިއުޓުންން އިންތިޒާމް ކޮށްގެން ދެ ދުވަހުގެ މުއްދަތަށް ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ ކޮންފަރެންސެކެވެ.