ޚަބަރު

ރިލްވާންގެ މައްސަލައިގައި ފުލުހެއްގެ އިހުމާލެއްވާނަމަ، ފިޔަވަޅު އަޅާނަން: ފުލުހުން

ފަތޯނާ ފާއިޒު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދެ ފުލުހުންގެ މައްސަލަ ބަލައި، އިހުމާލެއް އޮތްނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިލްވާންގެ މަރުގެ މައްސަލައިގައި، މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަަލަތައް ބަލާ ކޮމިޝަނުން އިއްޔެ އާއްމު ކުރި މައުލޫމާތުތަކުގެ ތެރޭގައި ދެ ފުލުހަކާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އިތުރަށް ތަހުގީގު ކުރާނެ ކަމަށެވެ.

އަދި ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށް ނިންމައި އެކަމުގެ ރިޕޯޓް ފުލުހުންނާ ހަވާލު ކުރުމުން، އެކަމުގައި ފުލުހެއްގެ އިހުމާލެއް ނުވަތަ ޖިނާއީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އަރުވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، ރިލްވާންގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައި ހުރި ހުރިހާ ހެއްކާއި ގަރީނާ މަރުތައް ބަލާ ކޮމިޝަނާ ހިއްސާ ކޮށްފައިވާނެ ކަަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން އިތުރަށް ބަލަން ޖެހޭނެ ކަންކަން މަރު ކޮމިޝަނުން، ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ އެކަން ބަލާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ރިލްވާން ރާއްޖެއިން ބޭރަށް ދިޔަކަން ދެއްކުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ފޮނުވައިގެން ފުލުހުންގެ އިންޓެލިޖެންސް ދެ ފުލުހުން އިމިގްރޭޝަނަށް ގޮސް، ރިލްވާންގެ ޕާސްޕޯޓް ކޮޕީއެއް ހޯދާފައިވާކަމަށް މަރުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފައެވެ.