ޚަބަރު

ރިލްވާންގެ ތަހުގީގަށް ހުރަސްއެޅި ސަރުކާރުގެ އިސްވެރިންނަށް ފިޔަވަޅު އަޅަން އާއިލާއިން ގޮވާލައިފި

ފަތޯނާ ފާއިޒު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނު ކުރުމަށްފަހު މަރާލި މައްްސަލައިގެ ތަހުގީގަށް ހުރަސް އެޅި ސަރުކާރާއި ދައުލަތުގެ އިސް ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ރިލްވާންގެ އާއިލާއިން ގޮވާލައިފިއެވެ.

ރިލްވާންގެ މައްސަލައާ ގުޅޭގޮތުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އިއްޔެ ހާމަކުރި މައުލޫމާތާ ގުޅިގެން ރިލްވާންގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިލްވާނަށް އިންޒާރު ދީ، އޭނާ މަރާލަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބި ހުރެ، އެކަމާ އަޅާނުލައި ރިލްވާން މަރުވުމަށްފަހު އެކަން ފޮރުވުމަށް ދައުލަތުގެ ވެރިންތަކެއްގެ ވާގިވެރިވެފައިވާ ކަމަށެވެ.

އަދި އެކަމަކީ ފާއިތުވި ފަސް އަހަރު ދުވަހު އެކަމާ ކުރިމަތިލުމަށް ރިލްވާންގެ އާއިލާއަށް މަޖުބޫރުވެފައިވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

"އެކަމަށް އިންސާފު ހޯދުމަކީ މި އާއިލާއިން ތަހައްމަލު ކުރަން ޖެހުނު، ނުހަނު ބޮޑު ތަކުލީފެކެވެ. މިއީ ގިނަ އާއިލާތަކުން ކުރިމަތިލާނެ ކަމެއް ނޫން ނަމަވެސް، އަޅުގަނޑުމެންގެ ކޮއްކޮއަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރީ އިތުރު އާއިލާއަކަށް މިފަދަ ހިތާމަވެރި ތަޖުރިބާއެއް ކުރަން ނުޖެހޭނެ ގޮތް ހެދުމަށެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ރިލްވާންގެ އާއިލާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އޭނާއަށް އިންސާފު ނުލިިބި އޮންނަހާ ދުވަހަކު ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތް ނުކުޅެދިފައިވާކަން ހާމަވެގެންދާނެ ކަމަށެވެ.

ރިލްވާންގެ މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް މަރުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ރިލްވާން މަރާލާފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ރިލްވާން މަރާލީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފުލެޓް ކައިރިން ރަހީނުކޮށްގެން، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ކަނޑު އުޅަނދެއްގައި ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެކަމަށް ހެކި ބަސް ދިން ތިން މީހުންގެ ވާހަކައިގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ބަލަންޖެހޭއިރު، ރިލްވާން މަރާލާފައިވާ ކަމަށް އެ ތިން މީހުންގެ ހެކި ބަހުންވެސް އެނގޭ ކަމަށެވެ.

ސުއޫދު އިތުރަށް ވިދާޅުވީ، ރިލްވާންގެ މައްސަލަ އެހެން ގޮތަކަށް އަނބުރާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ރިލްވާން ހޯދަންކަމަށް ބުނެ، ފަންޑިތަ ހަދައިގެން ފުލުހުން އެކި ތަންތަނަށް ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރިލްވާން ސީރިއާގައި މަރުވެފައިވާކަން ދެއްކުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވި ކަމަށް ވެސް ސުއޫދު ވަނީ އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފުލުހުން ދެ އިންޓެލިޖެންސް އޮފިސަރުން އިމިގްރޭޝަނަށް ފޮނުވައިގެން، ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން އަދީބު މަސައްކަތް ކުރެއްވި ކަމަށާއި، އެގޮތަށް އެކަން ކުރީ ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް ކަމަށެވެ.

އަދި އެކަންކުރި ދެ ފުލުހުންނާ ދެކޮޅަށް ވެސް ދައުވާ އުފުލޭ ވަރަށް ހެކި ލިބިފައިވާކަމަށް ވިދާޅުވިއެވެ.