ޚަބަރު

ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން މާދަމާ 10:30 އަށް ތާވަލްކޮށްފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގައި، އިތުރަށް ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން މާދަމާ 10:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް އާސިފް ވަނީ އެކަން ޔަގީންކޮށްދެއްވައިފައެވެ.

މިއީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝަރީއަތުގެ ތިންވަނަ އަޑުއެހުމެވެ.

މި ޝަރީއަތުގެ އަޑު އެހުމެއް އެންމެފަހުން ބާއްވާފައިވަނީ، އޯގަސްޓް މަހު 22 ގައއެވެ.

އެދުވަހުގެ އަޑުއެހުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ރައީސް ޔާމީނާ ދެކޮޅަށް ހެކިންގެ ގޮތުގައި ހާޒިރުކޮށް ވަނީ ހެކިބަސް ނަގައިފައެވެ.

ގިނަ ކިތާބީ ހެކިވެސް ހިމެނޭ މި މައްސަލައިގައި، މިހާތަނަށް ހެކިބަސް ނުނަގައި ތިބި ހެކިންގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މުހައްމަދު ވަސީމް އިސްމާއިލް އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުންނަކީ މިހާރު ރާއްޖެއިން ބޭރުގައި އުޅުއްވާ ބޭފުޅުންނެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.