ޚަބަރު

ކޯލިޝަނުން ހެދި ޑީލްތައް 17ގެ ކުރިން ހާމަނުކޮށްފިނަމަ އެއްވެސް ލީޑަރަކަށް އިތުބާރެއް ނެތް: ޑރ. ޝަހީދު

ޝަހީދާ އަބްދުﷲ ސައީދު

1

ކޯލިޝަނުން ހެދި ޑީލްތައް ނޮވެމްބަރު 17ގެ ކުރިން ހާމަކުރެއްވުމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ގޮވާލައިފިއެވެ.

ޑރ. ޝަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ ވެރިން ހަދާފައިވާ ޑީލްތައް މިމަހުގެ 17ގެ ކުރިން ހާމަނުކުރައްވައިފި ނަމަ، ކޯލިޝަންގެ އެއްވެސް ވެރިޔަކަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ.

ޑރ. ޝަހީދު ޑީލްތަކެއްގެ ވާހަކަ ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލައިގައި ސުވާލުތަކެއް އުފެދުނު 12 މެމްބަރުންނަށް 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ކޯލިޝަނުން ކުރިންވެސް ނިންމާފައިވާކަން އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ކުރީގެ ރައީސް ނަޝީދު 12 މެންބަރުންނާ ބައްދަލުކުރައްވައި އެ މަޝްވަރާތައް ކުރެއްވި އިރު، އިއްޔެ ވަނީ ކުރީގެ ރައީސް މައުމޫން ވެސް އެކަން ހާމަކުރައްވައި ޓުވީޓު ކުރައްވައިފައެވެ. މައުމޫން ވެސް ވިދާޅުވެފައިވަނީ އެއީ މާކުރިން ކޯލިޝަނުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ ޕްރައިމަރީއަށް ފަހު ޓިކެޓް ދޭން ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވަނީ ދުނިޔޭގައި ވަރަށް މަދު ސިޔާސީ ޕާޓީއަކުން ކަމަށް ވެސް އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވިއެވެ.

"މިއީ ފައިދާ އާއި ގެއްލުން ހުރި ކަމެއްކަން އެމްޑީޕީ ތަޖުރިބާކޮށްފި. އެހެނަސް، ދެންވެސް އެމްޑީޕީ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟