ފޮރިން މިނިސްޓްރީ

ލަންކާއިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމުގައި ސޮއިކުރައްވައިފި

އިބްރާހިމް ޒަކީ

ސްރީ ލަންކާއަށް ދާ ދިވެހިންނަށް އެގައުމުން 90 ދުވަހުގެ އޮން އެރަވައިލް ވިސާ ލިބޭ އެއްބަސްވުން "އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް" ގައި ލަންކާ ސަރުކާރާއި ދިވެހި ސަރުކާރުން ސޮއިކުރައްވައިފިއެވެ.

މިހާރު އޮންނަ ގޮތުން ނަމަ ލަންކާއަށްދާ ދިވެހިންނަށް ލިބެނީ އެއް މަހުގެ އޮން އެރައިވަލް ވިސާއެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ވިސާ އިތުރުކޮށްދިނުމަށް ސޮއިކުރި މި އެއްބަސްވުމުގެ ސަބަބުން، ތައުލީމު ހާސިލުކުރުމާއި، ސިއްހީ އެކި ބޭނުންތަކަށް ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ "އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް" ގެ ނަމުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުމާއެކު 2008 ވަނަ އަހަރު ދެގައުމުގެ މެދުގައި ވެވިފައިވާ ވިސާއާބެހޭ އެއްބަސްވުމަށް އިސްލާހު ގެނެވިގެންދާނެކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ސްރީ ލަންކާއަށް ދަތުރުވަރިއެއްގައި ޒިޔާރަތްކުރާ ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގައިވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި، ލަންކާގައި ތައުލީމު ހާސިލުކުރާ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ އެއްބަސްވުމަށް މިގެންނެވި ލުއިފަސޭހަކަމުގެ ބޭނުން ހިފޭނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކާބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދެ ގައުމުގެ ދެމަދުގައި ކުރިއަށްދިޔަ މަތީފެންވަރުގެ މަޝްވަރާތަކަށްފަހު މުހިއްމު ހަތަރު އެއްބަސްވުމެއްގައި ރާއްޖެ އާއި ސްރީލަންކާ އާދެމެދު މިއަދު ސޮއިކުރައްވާފައިވާ ކަމަށާއި، އޭގެ ތެރޭގައި 90 ދުވަހުގެ އޮން އެރަވައިލް ވިސާ ލިބޭ އެއްްބަސް ވުމުގެ އިތުރުން މަތީތައުލީމާއި ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާއިން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.