އަލީ ރިފްޝާން
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އިން ދެ ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، އާސެނަލުން އެއްވަރުކޮށްފިއެވެ.
ލީގުގައި ރޭ އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ ދިހަވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެރިކް ލަމޭލާ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ބޭންޑް ލެނޯ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.
އެ ލަނޑަށްފަހު ވެސް ޓޮޓެންހަމް އިން ދިޔައީ އާސެނަލްގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ސޮން ހެއުން މިން ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ލެނޯ މަތަކުރި އިރު، މެޗުގެ 38 މިނެޓުގައި އެރިކްސަން ފޮނުވާލި ހިލޭ ޖެހުމެއް ވެސް ލެނޯއަށް މަތަކުރަން ޖެހުނެވެ.
ޓޮޓެންހަމް އިން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ލީޑު ފުޅާކޮށްފައެވެ. ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ހެރީ ކޭންއެވެ.
ޓޮޓެންހަމް އިން ލީޑު ފުޅާކުރުމާއެކު އާސެނަލުން ކުޅުން ރަނގަޅުކޮށް، ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިއެވެ. ފުރަތަމަ ހާފު ނިމެނިކޮށް ނިކޮލަސް ޕެޕޭ އާއި އެލެކްސެންޑާ ލަކަޒެޓް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ނިކޮލަސް ޕެޕޭ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ލަކަޒެޓްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އާސެނަލްގެ ކީޕަރު ލެނޯ އާއި ޓޮޓެންހަމްގެ ކީޕަރު ލޮރިސްއަށް ހަމަލާތަކެއް މަތަކުރަން ޖެހުނެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމްގެ ސޮން ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ލެނޯ މަތަކުރި އިރު، އާސެނަލްގެ މެޓިއޯ ގުއެންޑޫޒީ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ މަތަކޮށްފައެވެ.
ދެ ޓީމުގެ ހަމަލާތަކަކަށް ފަހު އާސެނަލުން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައެވެ. މެޓިއޯ ގުއެންޑޫޒީ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕިއެރޭ އެމެރިކް އޮބަމަޔާންއެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ހަތަރު މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ލީގުގައި އާސެނަލް އޮތީ ކުޅުނު ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އަދި ޓޮޓެންހަމް އޮތީ ކުޅުނު ފަސް މެޗުން ހޯދި ފަސް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.