ޚަބަރު

ލަންކާ ބޮޑުވަޒީރުގެ ދެކަނބަލުންނަށް، ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ރަސްމީ މަރުހަބާ ދަންނަވައިފި

އިބްރާހިމް ޒަކީ

ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހައަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީކޮށް މަރުހަބާދަންނަވައިފިއެވެ.

މިރަސްމިއްޔާތު އޮތީ ސްރީލަންކާ ބޮޑު ވަޒީރުގެ ދެކަނބަލުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ ވަޑައިގެންނެވުމުން، ޖުމްހޫރީ މައިދާނުގައެވެ.

ލަންކާ ބޮޑު ވަޒީރުގެ ދެކަނބަލުން ލޯންޗް ކޮޅުން ރަސްމީ ފާލަމަށް ވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބައްދަލު ކުރެއްވިއެވެ.

ރަސްމީ މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލް ކުދިންގެ މަރުހަބާގެ އައިޓަމެއް ހުށަހަޅައިދިނުން އޮތެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ.

އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ލަންކާގެ ބޮޑުވަޒީރަށް ވަނީ ހަތްބަޑީގެ ސަލާމެއް އަރުވައިފައެވެ.

ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ދެކަބަލުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ، ރަސްމީ އިއްޒަތުގައި ހަތް ކޮޅުގައެވެ.

ރައީސުލް ޖުމްހޫރިއްހާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ލަންކާގެ ބޮޑުވަޒީރު ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށްފަހު، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ދެ ގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތައް ކުރިއަށްދާނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުންވެސް އޮންނާނެ ކަމަށެވެ.