ޝަހީދާ އަބްދުﷲ ސައީދު
ށ. އަތޮޅުގެ ބައެއް ރަށްރަށުން ގަވާއިދާ ޚިލާފަށް ރުއްގަސް ކަނޑަމުންދާތީ، އެކަން ތަހުގީގު ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ށ. އަތޮޅަށް ހިނގައްޖެއެވެ.
އީޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ށ. އަތޮޅުގެ ބައެއް ރަށްރަށުން އާދަޔާ ޚިލާފަށް ރުއްގަސް ކަނޑަމުންދާކަމުގެ ޝަކުވާތައް ލިބިފައިވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް އީޕީއޭގެ ޓީމެއް މިހާރު ށ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށްފަހު، ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުންޏެވެ.
ށ. އަތޮޅުގެ ބައެއް ރަށްރަށުން ރުއްގަސް ކަނޑަމުންދާ ކަމަށް އީޕީއޭއިން ބުނެފައިވާ އިރު، ދާދިފަހުން ނ. މާފަރުން ވެސް ގިނަ އަދަދެއްގެ ރުއްގަސް ކެނޑި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ރާއްޖޭގެ ބައެއް ރައްރަށުން ރުއްގަސް ކަނޑައިގެން ވިއްކަމުންދާތީ، ބައެއް ފަރާތްތަކުން ވަނީ ފޮޓޯއާއެކު އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފައެވެ.