ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މެރިން ރިސާޗް ސެންޓަރުގެ ނަން މެރިން ރިސާޗް އިންސްޓިޓިއުޓްގެ ނަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި "މެރީން ރިސާޗް ސެންޓަރު"ގެ ނަން، "މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓް"ގެ ނަމަށް ބަދަލުކުރައްވައި އެ ތަނުގެ މަސައްކަތްތަކަށްވަނީ ބައެއް ބަދަލު ގެންނަވައިފައެވެ.
މެރިން ރިސާޗު އިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކަނޑާއި އެ މާހައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކުރުމަށްޓަކައި ގުޅުން ހުރި ދިރާސާތައް ކުރުމާއި ކަނޑުގައި އުޅޭ ދިރުން ހުރި ތަކެތީގެ މައުލޫމާތު އެއްކުރުމާއި އެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުން ހިމެނެއެވެ.
އަދި ކަނޑުގެ މާހައުލުން މަދުވަމުންދާ ބާވަތްތަކާއި ނެތިދާނެ ކަމުގެ ބިރު އޮތް ބާވަތްތަކާއި ކަނޑުގެ ދުޅަހެޔޮ ކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު ދިނުމާއި ރާއްޖޭގައި ކުރެވޭ ތަފާތު ބާވަތުގެ މަސްވެރިކަން ކުރަނީ ހިފާ މަހުގެ ބާވަތްތަކުގެ އާބާދީ އަށާއި އެތަކެތި އުޅޭ މާހައުލަށް ގެއްލުންވާ ގޮތަށްކަން ޔަގީން ކުރުމަށް ކުރަން ޖެހޭ ދިރާސާ ކުރުމަކީ ވެސް މެރިން ރިސާޗް ސެންޓަރުގެ ޒިންމާއެކެވެ.
އޭގެ އިތުރުން ސެންޓަރުން ކުރާ ދިރާސާތަކުގެ އަލީގައި ފިޝަރީޒް މިނިސްޓްރީއަށް ފަންނީ ލަފާ ދިނުމާއި މަސްވެރިކަމުގެ ތަފާސް ހިސާބުތަކަކީ އެކަށޭނަ ހިސާބުތަކަށް ހެދުމަށް ބޭނުންވާ ލަފާ ދިނުމާއި ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރަން ހިމެނެއެވެ.
އަދި އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓަށް ބޭނުންވާ ސިޔާސަތުތައް އެކަށަ އެޅުމާއި ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތެއް ގާއިމު ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މެރިކަލްޗާގެ ދާއިރާ ތަރައްގީ ކުރާނެ ގޮތުގެ ފަންނީ ލަފާ ދިނުމުގެ އިތުރުން މަސްވެރިކަމާއި މެރިކަލްޗަރާއި ފަރުތަކާ ގުޅޭ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ އެފަދަ ޖަމްއިއްޔާތަކަށް ބޭނުންވާ މައޫލޫމާތު ފޯރުކޮށްދިނުމަކީ ވެސް މެރީން ރިސާޗް ސެންޓަރުގެ މަސްއޫލިއްޔަތެކެވެ.