ޝަހީދާ އަބްދުﷲ ސައީދު
ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުން ޕީޕީއެމްއަށް ހީނަރުކަން އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން މިރޭ ގެނެސްދިން ނިއުސްޓޯކު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ޣައްސާނު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޕީޕީއެމްއަށް އޮތް ތާއީދު ބޮޑު ކަމަށާޢި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ އިންތިހާބުވި ތ. ގުރައިދޫ ދާއިރާއަށް ބެލިނަމަވެސް އެކަން ފެންނާނެ ކަމަށެވެ.
''އަޅުގަނޑަކަށް ހިޔެއް ނުވޭ އިނގޭތޯ އެމްއާރުއެމް އުފައްދައިގެން ޕީޕީއެމްއަކަށް ހީނަރު ކަމެއް އައިސްދާނެ ހެނެއް. އަޅުގަނޑުގެ ދާއިރާގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އަޅުގަނޑަށް ހީވަނީ މިކަމުގެ ޖަވާބު ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް ލިބިވަޑައި ގަންނަވާނެހެން.'' ޣައްސާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމްއަކީ އެއްވެސް ޕާޓީއަކާ ޒާތީވާނެ ޕާޓީއެއް ނޫނެވެ. އަދި އެމްއާރުއެމް އުފައްދައިގެން ރައްޔިތުންނަށް ހިދުމަތްތަކެއް ދިނުމަށް އޭނާ ވެސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ޔާމީނާއި ބައްޕާފުޅު މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެ ފަޅިވުމުން ޔާމީންގެ ފަޅިއަށް އަރާވަޑައިގެން ޣައްސާން، ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ބައްޕާފުޅު ޖަލަށްލުމުން ވެސް ހުންނެވީ ރައީސް ޔާމީންގެ އަރިހުގައެވެ. އަދި މިދިޔަ އޭޕްރިލް މަހު ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޣައްސާން ގުރައިދޫ ދާއިރާއަށް ކުރިމަތިލެއްވިއިރު، ރައީސް މައުމޫން ވެސް އެ ދާއިރާއަށް އެމަނިކުފާނުގެ ތާއީދާއެކު އެހެން ކެންޑިޑޭޓެއް ނެރުނެވެ.
ޣައްސާނު މިރޭ ވިދާޅުވީ، ބޮޑު ބޭބޭފުޅު ރައީސް ޔާމީނާއި ބައްޕާފުޅު ރައީސް މައުމޫންގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އޭނާ ހުންނެވީ ދެ އާއިލާގެ މެދުގައިވެސް ވާހަކަތައް ދެކެވޭ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި މައްސަލަތައް ހައްލުކޮށް އާއިލާގެ އެންމެން އެއްކޮށް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑަކީ ކުއްލި ކުއްލިއަށް ބަދަލު އަންނަ މީހެއް ނޫން. އަޅުގަނޑު ރައީސް ޔާމީނަށް ބައިއަތު ހިފީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނުކުންނަން ދަންނަވަން ރައީސް ޔާމީންގެ އަރިހަށް ދިޔަ ހިސާބުން. އެ ދުވަހުން ފެށިގެން އަޅުގަނޑު ހިތައް އަރާފައި އޮތް ގޮތަށް ރައީސް ޔާމީންގެ އަރިހުގައި އަދިވެސް މިހުރީ އިހުލާސްތެރިކަމާއެކު. އޭރުވެސް އަދި މިހާރުވެސް އަޅުގަނޑު ރައީސް ޔާމީންގެ އަރިހުގައި މިހުރީ އާއިލާގެ ދެފަރާތުގައި ވާހަކަތައް ދެކެވޭ މީހެއްގެ ހައިސިއްޔަތުން. މައްސަލަތައް އަދިވެސް ހައްލުކޮށްފައި އެއްކޮށް ކުރިޔަށް ދިޔުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް.'' ޣައްސާނު ވިދާޅުވިއެވެ.