ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަމިޓުގެ ބައިވެރިންނަށް މަޖިލީހުގެ ރައީސް ދެއްވި ފަރިއްކޮޅުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

ސައުތު އޭޝިއަން ސްޕީކާސް ސަމިޓަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅު ބާއްވާފައިވަނީ މިރޭ ބަނޑޮސް މޯލްޑިވްސްގައެވެ.

ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އަމާޒުތައް ހާސިލުކުރުމާ ބެހޭގޮތުން މިއަދާއި މާދަމާ ކުރިއަށްގެންދާ މި ސަމިޓަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިންޓަރ ޕާލަމެންޓްރީ ޔޫނިއަން ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސަމިޓެކެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަކީ 2030 ވަނަ އަހަރާ ހަމައަށް ގައުމުތަކުން ހާސިލުކޮށް ނިންމަން އަމާޒުކޮށް، އދ. އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެކެވެ. ރާއްޖޭގައި ކުރިއަށްދާ ހަތަރުވަނަ ސްޕީކާސް ސަމިޓްގައި ސާކް ގައުމުގެތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ދެ ދުވަހުގެ މުއްދަތަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ ސްޕީކާސް ސަމިޓަކީ ސާކްގެ ހަތަރުވަނަ ސްޕީކާސް ސަމިޓެވެ. މިއީ ރާއްޖޭގައި މި ސަމިޓު ބާއްވާ ފުރަތަމަ ފަހަރެވެ.

ސްޕީކާސް ސަމިޓްގައި އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރަހުމާން ރަހުމީ އާއި އިންޑިއާގެ ގަނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އާއި އެ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ހަރިވާންޝް އާއި ބަންގްލަދޭޝްގެ މަޖިލީހުގެ ރައީސް ޑރ. ޝިރިން ޝަރުމިން ޗޯދަރީ އާއި ބޫޓާންގެ މަޖިލީހުގެ ރައީސް ވަންގްޗުކް ނަމަގްޔާލް އާއި ސްރީލަންކާގެ މަޖިލީހުގެ ރައީސް ކަރުނަރަތްނެ ޖަޔަސުރީ އާއި ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގާސިމް ހާން ސުރީ، ބައިވެރިވެވަޑައިގަންނަވައެވެ. މި ސަމިޓުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

މި ސަމިޓާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެފައިވަނީ މި ސަމިޓުން ނެރެވޭނެ އެންމެ މުހިންމު ނަތީޖާއަކީ ހެޔޮގޮތުގައި ވެރިކަން ހިންގުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުތައް ދެނެގަނެވި، އެ ގާނޫނުތައް މަޖިލިސްތަކުން ފާސްވުން ކަމަށެވެ.