ޚަބަރު

އާ ވެރިކަމުގެ ފެށުމަކަށް ސްޕޯޓްސް ފެސްޓިވަލެއް!

އަހުމަދު ޖައިޝަން

އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރައްވާ ދުވަހަށްފަހު، ރާއްޖޭގެ ހުރިހާ އުމުރުފުރައަކަށް ހާއްސަކޮށްގެން ސްޕޯޓްސް ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

"ދުޅަހެޔޮ – ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ފެސްޓިވަލްއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިންތިހާބީ ރައީސް އެފަދަ ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައިވަނީ ކުޅިވަރު އަހުލާގު އާލަކޮށް ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ނިޔަތުގައި ކަމަށެވެ.

އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން ދުޅަހެޔޮ ކަންތައްތަކަށް އާދަކުރެއްވުމަކީވެސް އެ ފެސްޓިވަލްގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 18 އާއި 19 ވަނަ ދުވަހުގައެވެ. އެ ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ 18 ވަނަ ދުވަހުގެ 14:00 ގައެވެ.

ޝިފާޒް ވިދާޅުވީ ފެސްޓިވަލް ފަށާ ދުވަހު މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުގައިވެސް އެ ހަރަކާތް ކުރިއަށްދާނެ ކަމަށެވެ.

"މިއަކީ ވަރަށް ބޮޑު ހަރަކާތެއް. ހުރިހާ އުމުރުތަކަށްވެސް ހާއްސަކޮށްގެން ކުރިއަށްދާނީ. ކުދިބޮޑު އެންމެެނަށް އޮންނާނެ. ބައިވެރި ނުވެވޭނެ އެއްވެސް ކެޓަގަރީއެއް ނޯންނާނެ،" ޝިފާޒް ވިދާޅުވިއެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްދާ އެ ފެސްޓިވަލްގައި މޫދު އަދި އެއްގަމު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފެސްޓިވަލް ކުރިއަށް ދާނީ ޓްރެކް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި އިއްޒުއްދީން ފާލަން އަދި ކުޅިވަރު އެކުވެނި ސަރަހައްދުގައެވެ.