ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބޮންޑު ވިއްކަން ނިންމައިފިއެވެ.
އެޗްޑީއެފްސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަހީމާ ސަލީމް ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ބޮންޑު ވިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ބޮންޑު ދޫކުރީ އެއް އަހަރަށް ކަމަށާއި ނަމަވެސް މިފަހަރު ދޫކުރަނީ 10 އަހަރުގެ މުއްދަތަށް ކަމަށް ރަހީމާ ވިދާޅުވިއެވެ.
ރަހީމާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ވިއްކާ ބޮންޑުގެ އަގަކީ 1،000 ރުފިޔާއެވެ. ޖުމްލަ 80،000 ބޮންޑު ވިއްކުމަށް ނިންމާފައިވާ އިރު، ބޮންޑު ވިއްކައިގެން އެ ކުންފުންޏަށް 80 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޮންޑު ގަންނަ މީހާއަށް ކޮންމެ ހަ މަހަކުން ފައިދާ ލިބޭނެކަމަށް ވިދާޅުވިއެވެ.
އެޗްޑީއެފްސީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓް ހިއްސާ އާއި އޭޝިއަން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އޭޑީބީ)ގެ 18 ޕަސެންޓް ހިއްސާ އަދި އެޗްޑީއެފްސީ އިންވެސްމެންޓް އިންޑިއާގެ 15 ޕަސެންޓް ހިއްސާއާ އެކުގައެވެ.
އެޗްޑީއެފްސީން މީގެކުރިން ވަނީ ދެ ފަހަރެއްގެ މަތިން ބޮންޑު ވިއްކައިފައެވެ. އެއީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރުގެ ބޮންޑުގެ ފައިސާ ދައްކާފައިވާ އިރު، 2018 ވަނަ އަހަރުގެ ދެ ޕޭމަންޓް ނިމިފައިވާ ކަމަށް އެޗްޑީއެފްސީން މައުލޫމާތު ދެއެވެ.