ސްރީ ލަންކާއަށް ދާ ދިވެހިންނަށް އެގައުމުން 90 ދުވަހުގެ އޮން އެރަވައިލް ވިސާ ލިބޭނެ އެއްބަސްވުމެއްގައި ލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމަށް ލަންކާގެ ކެބިނެޓުން ވެސް މި ހަފްތާގެ ތެރޭގައި ވަނީ ރުހުން ދީފައެވެ.
''ވަން" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
އެގޮތުން ލަންކާއަށް ދާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ އެއްބަސްވުމެއްގެ އިތުރުން، ޔޫތް ޑިވެލޮޕްމަންޓާ ގުޅޭ އެއްބަސްވުމަކާއި ސޯޝަލް ޕްރޮޓެކްޝަނާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ލަންކާއަށްދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރަވައިލް ހަމަޖެހިގެންދާއިރު، މިހާރު ދިވެހީންނަށް ލަންކާއިން ލިބެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެވެ.
ލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް މާދަމާ ކުރައްވާ ރަސްމީ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ވެސް ބޮޑުވަޒީރު ރަނިލް ތަގުރީރު ކުރައްވާނެއެވެ.