ޚަބަރު

ޔާމީނާއި ރިލްވާން މަރާލަން ރާވައި، ހަރަދު ކުރީ އެއް ޖަމާއަތަކުން: ކޮމިޝަން

ފަތޯނާ ފާއިޒު

1

ބްލޮގަރު ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލުމަށް ރާވައި، ހަރަދު ކުރީ އެއް ޖަމާއަތަކުން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، 23 އޭޕްރިލް 2017 ގައި ޔާމީން މަރާލަން ރާވައި، އެކަމަށް ހަރަދު ކުރި މީހުންނާއި ރިލްވާން މަރާލަން ރޭވި މީހުންނަކީ އެއް ބައެއްކަން އެ ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"ޔާމީންގެ މަރުގެ މައްސަލާގައި ހެކިބަސް ދީފައިވާ މީހަކާއި އަޅުގަނޑުމެންގެ ކޮމިޝަނަށް (ރިލްވާންގެ މައްސަލާގައި) މައުލޫމާތުދިން ޖަބްހަތުއް ނުސްރާއަށް ނިސްބަތްވާ މީހާ ދައްކާފައިވާ ވާހަކަތަކާއި އެއްގޮތް. ދެ މީހުންގެ ވާހަކައިގައި އެއްވެސް ތަފާތެއް ނެތް" ސުއޫދު ވިދާޅުވިއެވެ.

ޔާމީން އާއި ރިލްވާނަކީ ދީނަށް ފުރައްސާރަ ކުރާ ދެ މީހުންގެ ގޮތުގައި، ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންނަށް ގަބޫލު ކުރެވުނު ސަބަބު ވެސް ސުއޫދު މިއަދު ވިދާޅުވެ ދެއްވިއެވެ.

އެގޮތުން 10 ޑިސެމްބަރު 2011 ގައި އާޓިފިޝަލް ބީޗުގައި މިނިވަން ފިކުރުގެ މީހުން ބޭއްވި އެއްވުމެއްގައި ރިލްވާން ބައިވެރިވެފައިވާއިރު، އެ އެއްވުމުގައި ޔާމީނަށް ބައިވެރިނުވެވުނީ، އެ ދުވަހު ކަންކަން ހުރި ގޮތުން ކަމަށް ޔާމީން ޓްވިޓަރުގައި ބުނި ކަމަށާއި އެހެން ބުނި ހިސާބުން އޭނާއަކީ މިނިވަން ފިކުރުގެ މީހެއް ކަމަށް ކަނޑައަޅައި، އެ ލިސްޓުގައި ހިމެނި ކަަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުފެދި ހަރަކާތްތެރިވަމުން އަންނަ ޖަބްހަތުއް ނުސްރާގެ ހަރުކަށި ފިކުރުގެ ގޮފިން، 10 ޑިސެމްބަރުގެ އެއްވުމަށް ހުރަސް އެޅުމަށްޓަކައި އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވިއެވެ. އަދި ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންނާއި މިނިވަން ފިކުރުގެ މީހުންނާ ދެމެދު މައްސަލަތަކެއް އުފެދިގެން ދިއުމުގެ ފެށުމަކީ އެއީ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެ އެއްވުމުގައި ބައިވެރިވި ހިއްލަތު ރަޝީދާއި އައިމިނަތު ސުލްތޯނާއަށް ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންގެ ޖަމާއަތުގައި ހިމެނޭ އިސްމާއީލް އަބްދުއްރަހީމް އާދަމް ނަމަކަށް ކިޔާ މީހަކު ހަމަލާ ދީފައިވާ ކަަމަށާއި ރިލްވާން ގެއްލުމުގެ މަހެއްހާ ދުވަސް ކުރިން ހަމަލާދިން މީހާ ރިލްވާނަށް ފާރަލަމުން ދިޔަ ކަމަށާއި އެކަމުގެ ހެކިވެސް ލިބިފައިވާ ކަަމަށް މަރުތަކާ ބެހޭ ކޮމިޝަނުން މިއަދު ބުންޏެވެ.

އަދި ހަރުކަށި ފިކުރުގެ މީހުންގެ ޖަމާއަތުން، މަރާލަން ބޭނުންވާ މީހުންގެ ލިސްޓެއް ހެދި ކަމަށް ވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ސުއޫދު ވިދާޅުވިއެވެ. އަދި ލިސްޓުގައި ހިމެނޭ މީހުންގެ ފަހަތުން ގޮސް، އެމީހުންނަށް މަރުގެ އިންޒާރު ދީ، އޭގެ ތެރެއިން ބަޔަކަށް ހަމަލާ ދީ ރަހީނު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެގޮތުން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު، ކިޑްނެޕް ކުރި މީހެއް. ފޭސްބުކް ގްރޫޕެއްގެ އެޑްމިން ކިޑްނެޕްކޮށް އަނިޔާކުރި. އަދި ޕޭޖުގެ އެހެން މީހަކު ގެންގޮސް އަނިޔާ ކޮށްފައއިވޭ." ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާނަށް ފާރަލީ ވެސް އެޖަމާއަތުގެ މީހެއް ކަމަށާއި އެމީހާ 2015 ވަނަ އަހަރުގައި ސީރިއާގައި އުޅެނިކޮށް ރާއްްޖެ ގެނެސް ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ތުރުކީގެ ފަރާތުން ލިބެންޖެހޭ ލިޔުމެއް ނުލިބޭތީ އެ ދައުވާ އަނބުރާ ގެންދިޔަ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟