މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ބިރު ދައްކައި، އިންޒާރު ދިނީ 2014 ވަނަ އަހަރު މިނިވަން ނޫހަށް އޭނާ ލިޔުނު ލިޔުންތަކާ ގުޅިގެން ކަމަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
ތަހުގީގު ކުރަމުންދާ ރިލްވާންގެ މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވި، ރިލްވާން މިނިވަން ނޫހަށް 2014 ވަނަ އަހަރުގެ މެއި މަހުގެ ފަހެއް އަދި 27 ވަނަ ދުވަހު ލިޔުނު ދެ ލިޔުމެއްގައި މިނިވަން ފިކުރަށް ތާއީދު ކޮށްފައިވާ ކަމަށް ހަރުކަށި ފިކުރުގެ ޖަމާއަތުގެ މީހުންނަށް ބެލެވިގެން، އެ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށެވެ.
އެ އިންޒާރު ރިލްވާނަށް ދިނީ ސީރިއާގައި އުޅޭ ދިވެހި ހަނގުރާމަވެރިންގެ ހަބަރުތައް ގެނެސްދޭ ބިލާދުއް ޝާމް ފޭސްބުކް ޕޭޖް ހިންގާ އަބޫ ދުޖާނާ އަލް މާލްދީފި ނަމަކަށް ކިޔާ މީހަކު، ފޭސްބުކް މެސެންޖާއިން ރިލްވާނަށް ކުރި މެސެޖަކުން ކަމަށާއި އެ މެސެޖުގައި އިންޒާރެއްގެ ގޮތުން ބުނެފައިވަނީ، ރިލްވާނަށް "ދެން އޮތީ ކުރު ދުވަސްތަކެއް" ކަމަށް ސުއޫދު ވިދާޅުވިއެވެ.
އަދި އެ މެސެޖުގެ ޖަވާބުގައި އޭނާއަކީ ދީން ގަބޫލުނުކުރާ މީހެއް ނޫން ކަމަށާއި އެއް އިރެއްގައި ދީނާމެދު ޝައްކު ތަކެއް ހުއްޓަސް އެއީ ހައެއްކަ އަހަރު ކުރިން ކަމުގައި ރިލްވާން ބުނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވި ގޮތުގައި، ރިލްވާނަށް މަރުގެ އިންޒާރުދިނުމަށްފަހު، ރިލްވާން ގެއްލުވާލުމުގެ އެއް މަސް ދުވަސް ކުރިން އޭނާއަށް އެ ޖަމާއަތުގެ މީހުން ފާރަލާން ފެށި ކަމަށެވެ.
ރިލްވާން ގެއްލުވާލިތާ ފަސް އަހަރު ވެގެން ދިޔައިރުވެސް މިއަދާ ހަމައަށް އޭނާ ގެއްލުވާލި މައްސަލައާ ގުޅޭ މާގިނަ މައުލޫމާތުތަކެއް މީޑިއާއަކަށް އެއްވެސް މުއައްސަސާއަކުން ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް މަރުތަކާ ބެހޭ ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުއޫދު ވަނީ، ރިލްވާން މަރާލާފައިވާ ކަމަށާއި އެކަން ކުރި ގޮތްވެސް ހާމަކޮށްފައެވެ.
އެގޮތުން ރިލްވާން މަރާލީ ހުޅުމާލޭގައި އޭނާ އުޅޭ ފުލެޓް ކައިރިން ރަހީނުކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން ކަނޑު އުޅަނދަކަށް ގެންގޮސްގެން ކަމަށް އެ މައްސަލާގައި ލިބުނު ހެކިންގެ މައުލޫމާތުން އެނގޭ ކަމަށް މަރުތަކާ ބެހޭ ކޮމިޝަނުން މިއަދު ބުންޏެވެ.