ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން އެކުގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާ ލިބޭ ޕާޓީގެ ޓިކެޓް ދޭނެ ގޮތެއް ނިންމާނީ އެ ޕާޓީއަކުން ކަމަށެވެ.
"ދާއިރާ ލިބޭ ޕާޓީގެ ޓިކެޓް ދޭނީ ޕްރައިމެރީ އެއް ބާއްވާފައި ތޯ ނޫނީ ޕްރައިމެރީއަކާ ނުލާތޯ ނިންމާނީ އެ ޕާޓީއަކުން،" މަހްލޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕްރައިމެރީގެ ކަންތައްތަކަށް ބަލައި އިންސާފުކޮށް ހުރިހާ ކަމެއްގެ އެންމެ ފަހު ބަސް ބުނާނީ ރައްޔިތުން ކަމަށެވެ.
މަހްލޫފް އެހެން ވިދާޅުވީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ވަނިކޮށް، ފަހުން އެމެންބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރި 12 މެންބަރުންނަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދޭން އިއްތިހާދަށް ނިސްބަތްވެވަޑައިގެންފައިވާ ލީޑަރުން ނިންމަވައިފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.