މިދިޔަ ބުދަ ދުވަހު ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ނެގުމަށް ކޮށްފައިވާ އިއުލާންގެ ސުންގަޑި މިމަހުގެ ފަސް ވަނަ ދުވަހުގެ 12:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޖޭއެއްސީން ކޮށްފައިވާ އިއުލާގައި ބުނެފައިވާގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިއަދު 12:00 އަށެވެ.
ޖޭއެސްސީން ބުނީ، ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ސިޓީއާއެކު އެމީހެއްގެ ވަނަވަރާއި، އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރުގައި ގާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަަމަށް ބަޔާންކޮށްފައިވާނަމަ އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމެންޓްސް އާއި، ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއްގެ އިތުރުން އައިޑިކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެކަމަށެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާ ޖެހޭނެކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް
- މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށް ވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން
- ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަން ކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސިޔާސީ ޕާޓިއެއްގެ މެމްބަރަކު ކަމުގައި ނިވަތަ ސިޔާސީ ޕާޓިއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައު ނުވުން
- އިސްލާމްދީނުގެ ހައްދެއް ކަނޑއެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ގާނޫނުނލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދު އަހްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމް ކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކުކަމުގައި ނުވުން
- އަދާކުރަންޖެހޭ ސާބިތު ދަރަންޏޭއް އޮތް މީހަކުނަމަ ހުކުމާ އެއްގޮތައް އެ ދަރަނި އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވުން
- އުމުރުން 30 އަހަރު ވެފައިވާ މީހަކު ކަމުގައި ވުން
- އިސްލާމީ ޝާރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރިއާގެ ރޮނގުން ފުރަތަމަ ޑިގްޜީ ހާސިްލކޮށްފައިވުން އަދި އެ ސެޓްފިކެޓާކީ ދިވެހިރއްޖޭގެ ކަމާބެހޭ ފަރާތުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވުން
- ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން