އިބްރާހިމް ޒަކީ
އެމްޕީޕީގެ އެކްޓިވިސްޓުންނަށް ނިސްބަތް ކުރައްވައި، އެ އެންމެނަށް ސަރުކާރުން ވަޒީފާދިން ދިނީނުން، ރާއްޖެ ފުލް އެމްޕްލޯއިމެންޓަކަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި ވިދާޅުވުމުގައި ބޭނުންފުޅުވި ނުކުތާއަކީ އެންމެނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނެކަމެއްނޫންކަން ފާހަގަ ކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
"އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި އިއްޔެ ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި އެ ވާހަކަފުޅާ ގުޅިގެން ސޯޝަލް މީޑީއާގައި އެމަނިކުފާނަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ އެމަނިކުފާނު ދެއްކެވި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފައި ކަމަށެވެ. އެއީ އެމަނިކުފާނުގެ ބަހުރުވަ ހުރިގޮތުން، އޮޅުނު އޮޅުމެއްކަމަށް ވަނީނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވާހަކާގައި ބޭނުން ފުޅުވީ ދެ ނުކުތާއެއް ފާހަގަ ކުރެއްވުމަށް ކަމަށާއި އެއް ނުކުތާއަކީ، އެންމެނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނެކަމެއްނޫންކަން ފާހަގަކުރެއްވުން ކަމަށެވެ. އަދި އަނެއް ނުކުތާއަކީ ވަޒީފާއެއް ހަމަޖެހެންޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ، ދެމެހެއްޓެނިވި ވަޒީފާއެއްކަން ފާހަގަ ކުރެއްވުން ކަމަށްވެސް ވިދާޅުވިއެވެ.
"އިއްޔެ އަޅުގަނޑު ދެއްވި ވާހަކަ ވަނީ ވަރަށްބޮޑަށް އޮޅިފަ، އަޅުގަނޑުގެ ބަހުރުވަ ހުރިގޮތުން، އޮޅުނު އޮޅުމެއް ކަމަށް ވަނީނަމަ މައާފަށް އެދެން، އަޅުގަނޑުގެ ނުކުތާއަކީ، އެންމެނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނެކަމެއްނޫންކަން ފާހަގަކޮށްލުން، އަދި ވަޒީފާއެއް ހަމަޖެހެންޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ، ދެމެހެއްޓެނިވި ވަޒީފާއެއްކަން ފާހަގަ ކުރުމަށް ދެންނެވި ނުކުތާއެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ، ސަރުކާރު ވަޒީފާތަކުގަިއ މިހާރުވެސް ތިބީ ކުރީގެ ސަރުކާރުގައިވެސް ވަޒީފާތަކުގައި ތިބި މީހުންކަމަށާއި، އެ މީހުން ވަޒީފާތަކުން ވަކިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވަޒީފާ ނުދީގެ އެފަރާތްތަކުން ޝަކުވާ ކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށް ކަމަށާއި، ވަޒީފާގައި ހުރި މީހަކު ނަގައި އެއްލާލައި އުކައި ނުލެވޭނެ ކަމަށެވެ.
"ދެން އަންނަ ޝަކުވާއަކީ، ވަޒީފާތަކުގައި އަދިވެސް ތިބީ އެމީހުންނޭ، އަޅުގަނޑުމެން މިތަނަށް މިއައީ އިންސާފުވެރިކަމާއެކީގައޭ ކަންކަން ކުރާނީ، ވަޒީފާއެއްގައި ހުރި ހާމީހަކު ނަގާ އެއްލާލައި އުކައެއްނުލާނަމޭ، އުސޫލަކުން، ހަމައަކުންނޭ އަޅުގަނޑުމެން ކަންތައްތައް ގެންދާނީ،" ނަޝީދު ވިދާޅުވިއެވެ.