ޚަބަރު

ރައްޔިތުން ބޭނުމީ ތާހިރު ދިރިއުޅުމެއް: ނަޝީދު

އާނިފާ ހުސެއިން ސިރާޖް

2

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް ކަމަށާއި، އެ ރައްޔިތުން ބޭނުންވަނީ، ބޯހިޔާވަހިކަމާއި ދާއިމީ ވަޒީފާ އާއި ރަނގަޅު މުސާރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ހަތަރުވަނަ ބައްދަލުވުން، (ފޯތު ސައުތު އޭޝިއަން ސްޕީކާސް ސަމިޓް) ފެއްޓެވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން ބޭނުންވަނީ ދަަރިންނަށް ކިޔަވައިދިނުމާއި، ރަނގަޅު ސްކޫލުތަކެއް ކަމަށާއި، ބަލިވީމަ ބޭސް ކުރެވޭނެގޮތެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ ފެނާއި ނަރުދަމާ އާއި ކަރަންޓާއެކު ރަނގަޅު ދިރިއުޅމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުން ނާއިންސާފުން ކަމެއް ވާކަށްބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ އިންސާފު ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ ރައްޔިތުން އިިންތިހާބު ކުރާ މީހަކު ވެރިކަން ކުރުމަށް ކަމަށާއި، ބޭނުންވަނީ ރަނގަޅު ވެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ރަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މަދުކޮށް، ރައްޔިތުންގެ ދިރިއުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރެވޭނެ ނިޒާމު ސިޔާސީ ޕާޓިތަކުގެ މެނިފެސްޓޯގައި ވެސް ހިމަނަން ޖެހޭ ކަމަށެވެ.

މި އަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ސަމިޓްގައި މި ސަރަހައްދުގެ ނުވަ ގައުމެއްގެ ގާނޫނުހަދާ މަޖިލިސް ތަކުގެ އެންމެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި އަފްޣާނިސްތާނު ބަނގުލަދޭޝް އާއި ބޫޓަން އާއި މިޔަަންމާގެ އިތުރުން ނޭޕާލް އާއި ޕާކިސްތާނާއި ސްރީލަންކާ ހިމެނެއެވެ.

މި ސަމިޓްގައި އެ ގައުމުތަކުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސުންގެ އިތުރުން، އެކި ފެންވަރުގެ 40 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟