ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައަކާ ގުޅިގެން އޭނާ ހައިކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
ހައިކޯޓުން އިއްޔެ ފޮނުވި ޗިޓުގައި ވަނީ މިމަހުގެ 27ގެ 9:00 އަށް ހައިކޯޓަށް ހާޒިރުވުމަށެވެ.
ވިސާމް ބުނީ އޭނާ ހައިކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަން ކަމަށް ބުނެ ކުރި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުންނަށް ހުރަސް އެޅިކަމުގެ ފުރަތަމަ ދައުވާ ވިސާމްގެ މައްޗަށް ސާބިތުވެ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 28،000 ރުފިޔާ އިން ޖޫރިމަނާ ކުރި އެވެ. އެ ހުކުމް ވިސާމްގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.