އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ރެކޯޑު މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ވަނީ 3-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މޮޅާއެކު ލިވަޕޫލުން ވަނީ ޕްރިމިއާ ލީގުގައި ވިދިވިދިގެން 13 މެޗުން މޮޅުވެފައެވެ. އެއީ މިދިޔަ ސީޒަނުގެ ލީގުގެ ފަހު ނުވަ މޮޅު ހިމަނައިގެންނެވެ. އެ ރެކޯޑަކީ ލިވަޕޫލްގެ އާ ރެކޯޑެކެވެ.
ރޭ ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި ފެނިގެންދިޔަ ލަނޑަކީ ބާންލީގެ ފޯވަޑް ކްރިސް ވުޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭނާ އަތުން ބައިކޮޅަށް އެ ލަނޑު ވަދެފައިވަނީ ލިވަޕޫލުގެ އެލެކްސެންޑާ އާނޯލްޑް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.
އެ ލަނޑާއެކު ލިވަޕޫލަށް ލީޑު ލިބުނުތާ ހަތަރު މިނެޓު ތެރޭ އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ރޮބާޓޯ ފާމީނޯ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ހަމަލާތަކަކަށްފަހު ލިވަޕޫލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. މުހައްމަދު ސަލާހު ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯއެވެ.
ރޭ ކުޅުނު ލީގު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވެސް ވަނީ ފަސޭހަ މޮޅެއް ހޯދައިފައެވެ. ބްރައިޓަންއާ ދެކޮޅަށް ކުޅުނު އެ މެޗުން ސިޓީ މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިޓީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ހަތަރު މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.