ޚަބަރު

މިދިޔަ އަހަރަކީ ދިވެހި އަންހެނުންނަށް އުއްމީދީ އަހަރެއް: ޝިދާތާ

ފަތޯނާ ފާއިޒު

ދެހާސް އަށާރަވަނަ އަހަރު ދިވެހި އަންހެނުންނާ ބައްދަލުކުރީ ފޮނި އުއްމީދުތަކަކާ އެކީގައި ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށްދާ ސައުތު އޭޝިއާސް ވިމެން ނެޓްވޯކްގެ ދިހަވަނަ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ ތަފާތުކުރުންތަކާއި ހަމަނުޖެހުންތަކުން ދުރުވެ ތިބެ، ދިރިއުޅުމުގެ ހައްގު ކޮންމެ އަންހެނަކަށްވެސް ލިބެންޖެހޭ ކަމަށެވެ. އެގޮތުން ތައުލީމާއި މުދާވެރިކަމާއި ފިރިހެނުންނެކޭ އެއްވަރުގެ އާމްދަނީއެއް ހޯދުމުގެ ހައްގަކީ އަންހެނުންނަށް ވެސް ލިބިދޭން ޖެހޭ ހައްގުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ ބައި މިލިއަނަށް ވުރެ ކުޑަ އާބާދީއެއް ކަމަށާއި އެ އާބާދީގެ 50 އިންސައްތައަކީ އަންހެނުން ކަމަށެވެ. އާބާދީ ކުޑަވިޔަސް، ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ އަންހެނުންނަށް ކުރިމަތިވާ ފަދަ ގޮންޖެހުންތައް ދިވެހި އަންހެނުންނަށް ވެސް ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ގޮންޖެހުންތައް ކުރިމަތިވެފައި ވަނިކޮށް، ދިވެހި އަންހެނުންނަށް އުއްމީދުތަކެއް ގެނެސްދިނީ ރައީސުލްޖުމްހޫރިއްތާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ ކެބިނެޓުން ހަ މަގާމެއް އަންހެނުންނަށް ހާއްސަކުރައްވައި، އެ ކެބިނެޓުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު އޮންނަ ބޮޑު ފަރަގު ފުރަތަމަ ފަހަރަށް ނައްތާލެއްވީ މި ސަރުކާރުގައިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޑިފެންސް މިނިސްޓަރުގެ މަގާމު އަންހެން ބޭފުޅަކަށް އެންމެ ފުރަތަމަ ދެއްވީ މި ސަރުކާރުން ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށްވެސް ދެ އަންހެން ބޭފުޅުން އައްޔަންކުރުމަށް ކުރަމުންގެންދާ މަސައްކަތްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަމަނާގެ އުއްމީދަކީ ރައްޔިތުންގެ މަޖިލީހުގައާއި ޝަރުއީ ދާއިރާގައިވެސް އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުވެގެން ދިއުން ކަމަށެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށްދާ ސައުތު އޭޝިއާސް ވިމެން ނެޓްވޯކްގެ ދިހަވަނަ ކޮންފަރެންސްގައި ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ރާއްޖެ، އިންޑިއާ، އަފްގާނިސްތާން، ޕާކިސްތާން، ނޭޕާލް، މިޔަންމާ އަދި ބޫޓާންގެ އިތުރުން ސްރީލަންކާއިން ބައިވެރިވެއެވެ. ދެކުނު އޭޝިއާގެ އަންހެނުންގެ ނެޓްވޯކަކީ ދެކުނު އޭޝިއާގެ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުންދީ، އެފަދަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް އުފެއްދި ނެޓްވޯކެކެވެ. އެ ނެޓްވޯކް އުފެއްދީ 2009 ވަނަ އަހަރުގެ މާޗް މަހުގައެވެ.