ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ބޭރުން ގާރީންނާއި ހާފިޒުން ގެންނަން ނުޖެހޭ ވަރަށް ދިވެހިން ގުރުއާނަށް އަހުލުވެރިވާންޖެހޭ: ނައިބު ރައީސް

ފަތޯނާ ފާއިޒު

ރާއްޖެއަށް ބޭރުން ގާރީންނާއި ހާފިޒުން ގެންނަން ނުޖެހޭ މިންވަަރަށް ދިވެހިން ކީރިތި ގުރުއާނަށް އަހުލުވެރިވާންޖެހޭ ކަަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތް ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ގުރުއާން މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ގުރުއާނަށް ކުދިންނާއި ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރު ކުރުން ކަމަށެވެ. އަދި އެ ފަންނު ކުރިއަރުވައި، ތަޖުވީދުގެ މަގުން، ރީތިކޮށް ކިޔަވާ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ދުނިޔޭގެ ނިސްބަތުން ރަން ވަނަތައް ހޯދާފައިވާ ފަރާތްތައް އެބަތިއްބެވި ކަމަށެވެ. އަދި އަންނަ ހަފްތާގައި މައްކާގައި ފަށާ ބައިނަލްއަގުވާމީ މުބާރާތެއްގެ ފަނޑިޔާރެއްގެ ގޮތުގައި ރާއްޖޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ، އައްޝެއިހް އިލްޔާސް ހުސެއިން ބައިވެރިވެވަޑައިގަންނަވާނެކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ ގުރުއާން މުބާރާތްތަކުގެ މަގްސަދު ހާސިލު ކުރެވިއްޖެނަމަ، ބޭރުން ގެންނަ ފަރާތްތައް ނުގެނެސް ކަންކަން ހަމަޖެއްސޭނެ ކަމަށެވެ.

"އަހަރަކު އެއްފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ރަމަޟާން މަސް އަންނަ ހިނދު، އަޅުގަނޑުމެންގެ މުޅި ރާއްޖެއަށް، ވަކިން ހާއްސަކޮށް ތަރާވީސް ނަމާދަށް ވަރަށް ގިނަ އަދަދަކަށް ރާއްޖެއިން ބޭރުން ގާރީންނާއި ހާފިޒުން ގެންނަން އެބަޖެހޭ. އާދެ، މިއީ އަޅުގަނޑުމެން މިއަދު ފުންކޮށް ވިސްނަން ޖެހޭ ކަމެއް." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ އެ މަގުސަދު ހާސިލު ކުރުމަށް ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ކުރުމަށް، ރާއްޖޭގެ ސްކޫލްތަކަށާާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވަައިފައެވެ.

ތިރީސް ތިންވަނަ ގައުމީ ގުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.