ޚަބަރު

ލަަންކާއާއި ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގެންފި

ފަތޯނާ ފާއިޒު

ސްރީލަންކާއާއި ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ޗީފް އޮފް ޑިފެންސް ފޯސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސީނިއަރ އޮފިސަރުން ކަމަށެވެ.

ޗީފް އޮފް ޑިފެޑިންސް ފޯސް، ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ މިމަހުގެ 26 އިން 28 އަށް އެގައުމުގައި ކުރިއަށްދިޔަ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އަދި ސްރީލަންކާއަށް މިމަހުގެ 29 އިން 30 އަށް ކުރެއްވި ދަތުރުފުޅަކީ ސްރީލަންކާ އަސްކަރިއްޔާގެ އާމީ ކޮމާންޑަރގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސްރީލަންކާގައި ކުރިއަށްދިޔަ "ދަ ކޮލަމްބޯ ޑިފެންސް ސެމިނަރ 2019" ގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.