ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު، ޕީޕީއެމްގެ މެމްބަރުންނަށް: މިއީ އެކަތިގަނޑަކަށް ވާންވީ ވަގުތު

ފަތޯނާ ފާއިޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން އިދިކޮޅު ޕީޕީއެމް ކުރިއަށް ގެންދިއުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އެންމެ ގިނަ ރައްޔިތުން ތާއީދުކުރާ އެއް ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުންވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ އިސް ބޭފުޅުންތަކެއް، ޕާޓީ ދޫކުރައްވާ ވަޑައިގަތުމުން، ހުރިހާ މެމްބަރުންވެސް މިދަނޑިވަޅުގައި ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"96،000 މީހުން ވަނީ އެމަނިކުފާނަށް (ރައީސް ޔާމީނަށް) ވޯޓު ދެއްވާފައި. އެ ހުރިހާ ރައްޔިތުންނަށް ޕީޕީއެމްގެ ފަރާތުން ދޭން ބޭނުންވާ މެސެޖަކީ މިއީ އެކަތިގަނޑަކަށް ވާންވީ ވަގުތޭ،" ޑރ.މުއިއްޒު ވިދާޅުވިއެެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ލަފާފުޅާއެކު ޕީޕީއެމްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން އުއްމީދު ކުރާ ފެންވަރަށް އިދިކޮޅު ހަރަކާތްތައް އަދި ކުރިއަށް ނުގެންދެވޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެކި ރަށްރަށުގައި ޕީޕީއެމްގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް ވަރުގަދަ ކުރުމުގެ ވާހަކަ އެޕާޓީގެ ނައިބު ރައީސް މުއިއްޒު ދައްކަވާފައިވާ އިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގިނަ މެމްބަރުންތަކެއް މިދިޔަ ހަފްތާގައި ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފައެވެ.

އެ މެމްބަރުންގެ ތެރޭގައި ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހްމަދު ނިހާނާއި ޕީޕީއެމްގެ ކުރީގެ ތަރުޖަމާނު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.