މިއަހަރުގެ ތެރޭގައި ކައުންސިލުތަކަށް އިތުރު 700 މުވައްޒަަފުން ނެގުމަށް ހުއްދަ ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީން އިންތިޒާމުކޮށްގެން ބޭއްވި ކަންގަތި އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ކައުންސިލްތަކުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މުވައްޒަފުން ބޭނުންވާތީ އެކަމުގެ ޝަކުވާތައް އަޑުއައްސަވައި، މިއަހަރުގެ ތެރޭގައި ކައުންސިލްތަކަށް ގާތްގަނޑަކަށް އިތުރު 700 މުވައްޒަފުން ނެގުމަށް ހުއްދަ ދީފައިވާނެ ކަމަށެވެ.
އަދި މިސަރުކާރުން ކުރަން ބޭނުންވާ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލްތައް ބާރުވެރިކުރުން ހިމެނޭކަން ފާހަގަކުރައްވައި، މިނިސްޓަރު އަމީރު ވިދާޅުވީ ލާމަރުކަޒީ އުސޫލު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ކައުންސިލްތަކުގެ މަސައްކަތްތައް އަވަސްކޮށް ކައުންސިލުތަކާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ ގޮތުން ލޯކަލް ކައުންސިލް ޔުނިޓެއް ފިނޭންސް މިނިސްޓްރީގެ ތެރޭގައި ގާއިމުކޮށްފައިވާ ކަމަށާއި އަދި މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަލުން ކައުންސިލްތަކަށް މިހާރު ދެމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ރަށްރަށުގެ ބިންތައް ކުއްޔަށް ދީގެން ލިބޭ ފައިސާގެ ބޮޑު އަދަދެއް ވެސް ކައުންސިލުތަކަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.