ޝަހީދާ އަބްދުﷲ ސައީދު
ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މީސް މީޑިއާގައި ދައުރުވަމުންދާ ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީމާރާމާރީ ހިންގާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
އެމައްސަލައިގެ ތަހުގީގު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މިހާރު ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މާލޭގެ މަގެއްގެ މަތިން ކުނި ނަގަން އުޅުނު ވެމްކޯގެ މުވައްޒަފަކާ ދިމާއަށް ހަޑި ހުތުރު އެއްޗިހި ކިޔާ މަންޒަރާއި އަދި އެސިލޯނު ހޮޅިބުރި އަކުން އޭނާގެ ބޮލާއި ކަނދުރާ މަތީގައި ތަޅާ މަންޒަރެވެ.