އިބްރާހިމް ޒަކީ
އެމްޑީޕީގެ ކުރިހާ އެކްޓިވިސްޓުން (ޕެޕާސްޕްރޭޖެހި އެންމެ)ނަށް ސަރުކާރުން ވަޒީފާދިން ދިނީނުން، މި ރާއްޖެ ފުލް އެމްޕްލޯއިމެންޓަކަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ވަޒީފާތަކުގަިއ މިހާރުވެސް ތިބީ ކުރީގެ ސަރުކާރުގައިވެސް ވަޒީފާތަކުގައި ތިބި މީހުންކަމަށާއި، އެ މީހުން ވަޒީފާތަކުން ވަކިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވަޒީފާ ނުދީގެ އެފަރާތްތަކުން ޝަކުވާ ކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށް ކަމަށާއި، ވަޒީފާގައި ހުރި މީހަކު ނަގައި އެއްލާލައި އުކައި ނުލެވޭނެ ކަމަށެވެ.
"ދެން އަންނަ ޝަކުވާއަކީ، ވަޒީފާތަކުގައި އަދިވެސް ތިބީ އެމީހުންނޭ، އަޅުގަނޑުމެން މިތަނަށް މިއައީ އިންސާފުވެރިކަމާއެކީގައޭ ކަންކަން ކުރާނީ، ވަޒީފާއެއްގައި ހުރި ހާމީހަކު ނަގާ އެއްލާލައި އުކައެއްނުލާނަމޭ، އުސޫލަކުން، ހަމައަކުންނޭ އަޅުގަނޑުމެން ކަންތައްތައް ގެންދާނީ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވަޒީނާ ނުދޭކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ޝަކުވާ ކުރުމަކީ ލަދުވެތިކަމެއް ކަމަށެވެ. ނަމަވެސް އެމީހުންނަށްވެސް ގޮތެއް އޮންނަންޖެހޭކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ކަމެއްގެ ތެރެއަށް ނުކުމެ ކަމެއް ހޯދުމަކީ އެމީހާގެ އަމިއްލަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އާދެ ތިބޭފުޅާގެ ޅިޔަނު، ބޭނުން އަޅުގަނޑުމެންވެސް ، އޭނަ ގަޔަށްހުރީ ވަރަށް ބައިވަރު ޕެޕާ ސްޕްރޭ ޖަހައިފަ، ޕެޕަ ސްޕްރޭ ޖެހި އެންމެނަން ކޮންމެސް ކަހަލަ ފުރުސަތުތަކެއް އޮތުމަކީ ބޭނުންތެރިކަމެއް، އެހެން ނަމަވެސް އަނެއްކާވެސް އަޅުގަނޑަށް އެވާހަކަ ވަވީ ވަަރަށް ލަދުވެތި ވާހަކައަަކަށް، ދެން ތިމަންނާ މިވެނިކަމެއް ކުރީމޭ، މިހެން ހެދީމޭ އެހެންހެދީމޭ، އެކަމް ތިމަންނައަކަށް މިހާރަކު، މިއަދަކު ނެތޭ އެއްވެސްކަމެއް، އަޅުގަނޑުމެނެއް ބޭނުމެއްނޫން އޭނާއަށް ކަމެއްނެތި އޮންނާކަށް، އެކަމް އޭނާގެ ކަމެއް އެއީ ކަމެއްހޯދުން، ކަމެއްގެ ތެރެއަށް ނުކުތުން، ހުރިހާ ބޭފުޅުނަށް ސަރުކާރުން ވަޒީފާ ދިންދިނީނުން މިރާއްޖެ ފުލް އެމްޕްލޯއިމެންޓަކަށެއް ނުގެންދެވޭނެ އެއީ ވާނެކަމެއްނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާކަމެއްނޫން ކަމަށާއި، ރާއްޖެއާ އެއްވަރުގެ އާބާދީ އޮންނަ ބައެއް ގައުމުތަކުގައި ސިވިލް ސާވަންޓުގެ ގޮތުގައިވެސް ތިބެނީ ހަތްހާސް މީހުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ މުސާރައިގެ ގޮތުގައި މަހަކު ބިލިޔަނެއްހާ ރުފިޔާ ސަރުކާރުން ހޭދަކުރަންޖެހޭއިރު، ގައުމުގެ ތަރައްގީއަށް އޮންނާނީ ކޯއޮޗެއްތޯ، ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ.
"އެނގިވޑަގަންވާތޯ އައިސްލެންޑްގެ އާބާދީއާ ރާއްޖެއާ އެއްވަރު، އެތަނުގެ ސިވިލްސާވިސްގައި ތިބެނީ ހަތްހާސް މީހުން، އަޅުގަނޑުމެންގެ ސިވިލްސާވިސްގައި މިހާރުވެސް ބައްތިރީސްހާސްމީހުން އެބަތިބި، އަދި ސަރުކާރު ހިސްސާވާ ކުންފުނިތައްބަލާ، މުސާރައިގެ ގޮތުގައި އަޅުގަނޑުމެން އެބަދެން މަހެއްގެ މައްޗަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ، ހަތްސަތޭ އަށްސަތޭކަ މިލިޔަން ރުފިޔާ، ދެން ވިސްނަމާ ތެލަށާއި ފެނަށާއި ކަރަންޓަށާއި މަރާމާތަށާ ކަނޑައިލީމަ ތަރައްގީއަށް އޮންނާނީ ކޯޗެއްތޯ، އޭރަކަށް ނޯންނާނެ ތަރައއްގީއަކަށް އެއްޗެއް،" ރައީސް ނަޝިދު ވިދާޅުވިއެވެ.