ޚަބަރު

ޒުވާނުން އުމުރަށް ޖަލަށްލުމަކީ ހައްލެއް ނޫން: ރައީސް

އިބްރާހިމް ޒަކީ

ކުށްކުރާ ޒުވާނުން އުމުރު ދުވަހަށް ޖަލުގައި ބޭތިއްބުމަކީ ހައްލެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލައިގައި، ޖަލުތަކުގައި ގިނަ ޒުވާނުންތަކެއް ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޖަލަށް ލުމުގެ ބަދަލުގައި ސަރުކާރުން ބޭނުންވަނީ އެކުދިން ރަނގަޅު ކޮށްގެން މުޖުތަމައަށް ނެރުމަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޖަލުތަކުގެ އާބާދީގެ 65 ޕަސެންޓަކީ ޑްރަގްގެ މައްސަލަތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށާއި އޭގެ ތެރޭ ގިނައީ ޒުވާނުން ކަމަށެވެ.

އަދި ގޭންގްތަކުގެ ޝިކާރައަށްވުމުގެ ސަބަބުން ކުށްކުރުމާއި ކުށުގެ ވެށިން ބޮޑުވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަން ޖެހޭ ކަމަށާއި އެކަމުގެ ހައްލަކީ އުމުރު ދުވަހަށް ޖަލުގައި ބަންދުކުރުން ނޫން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އަމާޒަކީ ޖަލުތަކުގެ ނިޒާމަށް ރީހެބިލިޓޭޝަން ތައާރަފުކޮށް އެކުދިން އެކަމުން ސަލާމަތްކޮށް މުޖުތަކައަށް ގެނައުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ސްކޫލަށް ނުދެވި، ޢާއިލާއިން ދޭންޖެހޭ ސަމާލުކަން ނުދެވި، ޒުވާން އުމުރު ހޭދަކުރަން ޖެހެނީ މަގުތައް މަތީގައި. ގޭންގްތަކުގެ ޝިކާރައަށްވެ، ކުށްކުރުމާއި، ކުށުގެ ވެށިން ބޮޑުވާ މިފަދަ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަން އެބަޖެހޭ. ހައްލަކީ އުމުރުދުވަހަށް ޖަލުގައި ބަންދުކުރުމެއްވެސް ނޫން. ޖަލުތައްވެސް ބަދަލުވާން ޖެހެނީ ރީހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

އެކަމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރުކުރާ އެއްބަޔަކީ ޒުވާނުން ކަމަށްވެސް ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް. މިކަމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރުކުރާ އެއްބަޔަކީ ޒުވާނުން. ތޮއްޖެހިފައިވާ މާހައުލުގައި، ނިދުމަށް ޑިއުޓީއަށް ގަޑި ބަހައިގެން ބޮޑެތިވާ ކުދިން މިއަދު މާލޭގައި މަދެއް ނޫން. އެ ކުދިން، ކަންމަތީ ގްރޫޕްތަކާއެކު ބޮޑެތިވަމުން އައިތަން އަޅުގަނޑުމެން ދެކެން،" ރައީސް ވިދާޅުވިއެވެ.