އިސްލާމިކް ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވާ އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާ (އައިސީއައިއޭ) މިއަދު ފަށައިފިއެވެ.
ތިންސަތޭކަ އަށްވުރެ ގިނަ ބައިވެރިންނާއެކު މިއަދު ފެށި މަހާސިންތާގެ މައިގަނޑު ތީމަކީ "އިލްމު ހިއްސާކޮށް އިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން" މިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި ޖުމްލަ 50 ދިރާސާ ކަރުދާހާއި ފަސް ޕޯސްޓަރު ހުށަހެޅުމަށް ވަނީ ހަމަޖައްސާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބޭރުގެ ފަރާތްތަކުން ހުށަހަޅާ 35 ކަރުދާހާއި ރާއްޖޭގެ އެކިއެކި ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެކެވެ.
މިއަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހަޅާ ކަންކަމުގެ ތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތު، ކަރިކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ގުރްއާނިކް ސައިންސް، ޝަރީއާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލެންގުއޭޖް އެންޑް ލިޓްރޭޗާ ހިމެނެއެވެ.
މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހަޅާ ފަރާތްތަކާއެކު 300 އަށް ވުރެގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
މީގެތެރޭގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވެލަށް ކިޔަވާ ދަރިވަރުންނާއި އެހެނިހެން ޔުނިވަރސިޓީ، ކޮލެޖްތަކުގެ ދަރިވަރުންވެސް ހިމެނެއެވެ.
އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަހާސިންތާއެކެވެ.
މިމަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.