ފަޅޮލަކީ ވަރަށް ގިނަ ބަޔަކު ކެއުމަށް އިހްތިޔާރު ކުރާ މީރު މޭވާ އެކެވެ. ކެއުމަށް މީރު ފަޅޮލަކީ ހަމަށް ވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. އެހެންކަމުން ޓެސްޓު ކޮށްލުމުގެ ގޮތުން އެއް ހަފްތާ ވަންދެން ފަޅޯ މޫނުގައި ބޭނުން ކުރީމެވެ. ތިރީގައި މިވަނީ އޭގެ ތަޕްސީލެވެ.
1. ފުރަތަމަ ދުވަސް - ފަޅޯ ކޮޅެއް ކާލުމަށްފަހު ބާކީ ހުރިބައި ޗަސްކޮށްލުމަށްފަހު ފޭސްމާސްކެއްހެން މޫނުގައި ހާކާލީމެވެ. 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު މޫނުގައި ހަރުވެފައިހުރި ފަޅޯތައް ސްކްރަބް ކޮށްލީމެވެ. އަދި ތާފަނާ ފެނުން މޫނު ދޮވެލީމެވެ.
2. ދެވަނަ ދުވަސް - މި ދުވަހު ތަފާތު ކޮށްލީމެވެ. ފަޅޯ ޗަސްކޮށްގެން ހޭކުމުގެ ބަދަލުގައި ފަޅޯ ޖޫސްގޮތަށް ހަދައިގެން މޫނުގައި ހޭކީމެވެ. މިގޮތަށް ހެދުމުން މާ ފަސޭހަވެސް ވިއެވެ. ދިހަ މިނިޓް ތެރޭ ފަޅޮލުގެ ދިޔަތައް މޫނުގައި ހަރުވެއްޖެއެވެ. މިފަހަރު މޫނު ދޮވުނީ ފިނި ފެނުންނެވެ. ދެދުވަސް ވަންދެން ފަޅޯ މޫނުގައި ހޭކުމުން މޫނު ހުރީ ވަރަށް ބޮޑަށް އޮމާންވެ މަޑުވެފައެވެ. މިއީ ފަޅޮލުގައި ހިމެނޭ "ފްލޭވަނޮއިޑްސް"ގެ ސަބަބުން ހަމުގައި ހުންނަ ކޮލަޖިން އުފެއްދުން އިތުރުކޮށްދޭތީއެވެ.
3. ތިންވަނަ ދުވަސް - ތިންވަނަ ދުވަހުވެސް މޮޅުގޮތެއް ހެދުމަށް ފަޅޮލާއި ލުނބޯހުތް ކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓެއް ހެދީމެވެ. 15 މިނިޓް ބެހެއްޓުމަށްފަހު މޫނު ދޮވެލީމެވެ.
4. ހަތަރުވަނަ ދުވަސް - މިދުވަހުވެސް ތިންވަނަ ދުވަހު ހޭކި ފަޅޯ ޕޭސްޓް އަނެއްކާވެސް ރިޕީޓްކޮށްލީމެވެ. އެދުވަހު އިރުއޮއްސުނު އިރު މޫނު އުޖާލާކަން ފާހަގަވާން ފެށިއެވެ.
5. ފަސްވަނަ ދުވަސް - ހަމުގެ ކުލަ އެއް ޓޯން ލައިޓް ވެއްޖެކަން ފާހަގަވިއެވެ. އަދި ހަމުގައި އަނދާފައި ހުރި ބައިތަކުގެ ކުލަ އަލިވެއްޖެކަން ވެސް ފާހަގަވިއެވެ. ފަޅޮލުގައި ހިމެނޭ "ޕަޕައިން" ކިޔާ އެންޒައިމަކީ ހަމުގައި ހުންނަ ޓޭންތައް ނައްތާލާ އަދި ހަންގަނޑު ރިނިއު ކޮށްދޭ މާއްދާއެކެވެ. މީގެ އިތުރު ލުނބޮލަކީ ގުދުރަތީ ގޮތުން ބްލީޗް ކޮށްލާ އެއްޗެއްކަމުން ހަމުގެ ކުލަ އަލިކޮށްލާ އުޖާލާވެގެން ދިޔައެވެ.
6. ހަވަނަ ދުވަސް - މިދުވަހު މާސްކް އަނެއްކާވެސް ތަފާތު ކޮށްލީމެވެ. މިއަދު ބޭނުން ކުރީ ބިހުގެ ހުދުބަޔާ އެކީ ފަޅޮލެވެ. މިކްސްޗަރަކުން ދެބައި އެއްކޮށްލާ ޕޭސްޓެއް ގޮތަށް ހެދުމަށްފަހު މޫނުގައި ހޭކީމެވެ.
7. ހަތްވަނަ ދުވަސް – މިދުވަހުވެސް ހަވަނަ ދުވަހުގެ ބިހާ ފަޅޯ މާސްކް ބޭނުން ކޮށްލީމެވެ. އެރޭ ވިއިރު މޫނުގެ ހަންގަނޑު ފާމްވެގެން ދިޔަކަން ފާހަގަވިއެވެ. ޕަޅޮލުގައި ހިމެނޭ އެންޒައިމްގެ ސަބަބުން މޫނު އޮމާން ކޮށްލަދިނެވެ.
އެއް ހަފްތާ ވަންދެން މި ކުރެވުނު ޓެސްޓު ހަމައެކަނީ ފައިދާވީ މޫނަކަށް ނޫނެވެ. އެއްކިލޯ ލުއިވެގެން ދިޔައެވެ. އެއީ ކޮންމެ ދުވަހަކު ފަޅޯ ކެވޭތީ ކަމަށް ވެސް ވެދާނެއެވެ. އެއާއެކު ހަންގަނޑު މަޑުވެ، ކުލަ އަލިވެ، ފާރމްވެގެން ދިޔައެވެ. މިވީ ވަރަށް ކާމިޔާބު ޓެސްޓަކަށެވެ.