ޚަބަރު

އަމާޒަކީ އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުން: ރައީސް

އިބްރާހިމް ޒަކީ

އަމާޒަކީ އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވި، ތަރުތީބު ކުރެވިފައި ހުންނާނީ އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދީ، ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދުމުގެ އަމާޒަށް ވާސިލްވުމަށް ކަމުގައެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތީގައިޖެހިފައިތިބި 800 އަށްވުރެ ގިނަ ޒުވާނުން މިއަދުވެސް ފަރުވާއަށް ބޭނުންވެފައި ޖަލުތަކުގަިއ އެބަތިބި ކަމަށެވެ. އަމާޒަކީ ޖަލުތަކުގެ ނިޒާމަށް ރީހެބިލިޓޭޝަން ތައާރަފްކޮށް އެކުދިން އެކަމުން ސަލާމަތްކޮށް މުޖުތަކައަށް ގެނައުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއަދުވެސް ފަރުވާއަށް ބޭނުންވެފައިވާ 800 އަށްވުރެ ގިނަ ޒުވާނުން އެބަތިބި. މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާއާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ދަނީ ހިންގަމުން. މިގޮތުން މިހާރު ވަނީ 3 ސެންޓަރެއް ޤާއިމްކޮށްފަ. އެއީ ހދ. ހަނިމާދޫ، ސ. ހިތަދޫ އަދި ގދ. ތިނަދޫ. މީގެ އިތުރުން ސ. ހުޅުދޫގަ ޑްރަގް ޑިޓޮކްސް ސެންޓަރެއް އެޅުމުގެ މަސައްކަތްދަނީ ކުރެވެމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ޒުވާނުންނަކީ މިގައުމުގައި މިއޮތް ހަމަޖެހުމާއި ޑިމޮކްރެސީގެ ރީތި ސިފަތައް ދަމަހައްޓައި ހައްގު ބަސް ބުނެ އިންސާފާ ހަމަހަމަކަމަށް މަސައްކަތް ކުރާ ބަޔަކަށް ވެގެން ދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.