އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ލިޔެފައި ހުރި ފޮތްތަކެއް ވިއްކަން ބަހައްޓާފައި ހުއްޓައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ފޮތްތައް ނަގައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ލިޔެފައިވާ ފޮތްތަކެއް ވިއްކަން ހުރިކަން އެނގުމުން އެ ފޮތްތައް ރޭގެ ވަގުތެއްގައި ކަސްޓަމުގެ ބެލުމުގެ ދަށުން ނަގާފައިވާކަމަށެވެ.
ފޮތްތައް ވިއްކަން ބަހައްޓާފައި ހުރި ވަކި ތަނެއް ކަސްޓަމްގެ އޮފިޝަލް ވިދާޅެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެފޮތްތައް ވިއްކަން ބަހައްޓާފައި ހުރީ ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޮވެލްޓީ ބުކްފެއާ އިންނެވެ.
ފެއާގައި ވިއްކަން ބަހައްޓާފައި ހުރި 109 ފޮތް ކަސްޓަމަށް ނެގި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެކަން ކަސްޓަމްސްގެ ސަމާލުކަމަށް އައީ، ފެއާގައި ހުރި ފޮތްތައް ފޮޓޯ ނެގުމަށްފަހު އާންމު ފަރާތަކުން މީސް މީޑިއާގައި އާންމުކުރުމުންކަން އެނގިފައިވެއެވެ.