ޚަބަރު

މިސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިވާނީ ޒުވާނުން، ވިޔަފާރިވެރިންނަށް ސަލާން ޖަހަން ނުޖެހޭގޮތަށް: ރައީސް

އިބްރާހިމް ޒަކީ

މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ، މި ގައުމުގެ ޒުވާނުންގެ މުސްތަގުބަލްގެ އުއްމީދުތައް ފުރިހަަމަވާގޮތަށް ވިސްނަވައިގެން ކަމަށާއި، އެ ސިޔާސަތުތައް ބައްޓަން ކުރައްވާފައިވާނީ، މައިން ބަފައިންނާއި ބެލެނިވެރިން އަދި ޒުވާނުން ދަރަވިވެރިނުވެ، އަމިއްލަ ވިޔަފާރިއަކަށް، ވިޔަފާރިވެރިންނަށް ސަލާން ނުޖަހައި ކިޔަވައި ނިމިގެން، މަތީ ތައުލީމާއި ތަމްރީން ލިބޭނެ މަގަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާފައިވަނީ މި ގައުމުގެ ޒުވާނުންގެ މުސްތަގުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެންކަމަށެވެ. މިގޮތުން، ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހައި ކިޔަވާ ނިމިގެން، މަތީ ތަޢުލީމާ ތަމްރީނު ލިބޭނެ މަގަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބަޔަކީ ޒުވާނުންކަމުގައި ވާއިރު ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައްކަމަށާއި، ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ގިނަކަމުގައި ހާމަކުރެއްވިއެވެ.

"މިގޮތުން ބަލާއިރު، އަންހެނުންގެ ތެރޭގާ ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ ފަރާތްތަކުގެ ޢަދަދު ނިސްބަތުން ފިރިހެނުންނަށްވުރެ އިތުރު. މިކަން އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ. ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަށްޖެހޭ. ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނުކުތުމަށް މަގުތައް ކޮށާދޭންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށާއި މިކަމުގެ ނޭދެވޭ އަސަރުކުރާ އެއް ބަޔަކީ ޒުވާނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ތޮއްޖެހިފައިވާ މާހައުލެއްގައި، ބޮޑެތިވުމުގެ ސަބަބުން ނޭދެވޭ ކަންކަމުގެ ޝިކާރައަށްވެ، ކުށްކުރުމާ، ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ މިފަދަ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަން ހައްލު ކުރެވޭނީ އުމުރުދުވަހަށް ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ޖަލުތަކަކީ ރީހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް ހަދައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުސަތުދީ، ފުރުސަތު ހޯދައިދީ ޒުވާނުންގެ އަޑުއަހާ ޕާޓީއެއްކަމުގައެވެ. އެޕާޓީގެ ކުރީ ސަފުގައި އަބަދުވެސް ޒުވާނުން ނަގާކިޔަން ތިބުމުގެ އަސްލަކީ ޕާޓީން ޒުވާނުންނަށް ދޭ އިސްކަމާ މުހިންމު ކަމުގެ އަލިގަދަ ދަލީލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.