ޚަބަރު

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް ކައުންސެލިން ދެނީ

މަރިޔަމް ޝަހުދާ

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރު ކުރަނިކޮށް، ބަންޑުން ޖަހާލި ލޯންޗުން ސަލާމަތްވި މީހުންގެ އިތުރުން، އެހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ކައުންސެލިން ހިދުމަތް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސްގެ ފަރާތުން ހަނިމާދުއަށް ސޯޝަލް ވާކަރުންގެ ވަފުދެއް ފޮނުވައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ ޓުވިޓާގައި އާންމު ކުރި ޓުވީޓެއްގައި ވަނީ ބުރާސްފަތި ދުވަހު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަންގެ އިތުރުން ސޯޝަލް ވާކަރުން ހިމެނޭ ވަފުދެއް ހަނިމާދުއަށް ޒިޔާރަތްކުރި ކަމަށް ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ''ވަން'' އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހީމް މުހައްމަދު ވިދާޅުވީ ހަނިމާދުއަށް ވަޑައިގެންނެވި ސޯޝަލް ވާކަރުން ހިމެނޭ ވަފުދަކީ މި ހާދިސާގައި ސަލާމަތްވި ފަރާތްތަކުގެ އިތުރުން މަރުވި މީހުންގެ އާއިލާތަކަށް ކައުންސެލިން ހިދުމަތް ހަމަޖައްސައިދިނުމަށް އެރަށަށް ޒިޔާރަތް ކުރި ވަފުދެއް ކަމަށެވެ.

މިހާދިސާގެ ސަބަބުން އަސަރު ކުރި ފަރާތްތަކަށް ވެސް ކައުންސެލިންގެ ހިދުމަތް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލައި، ހިނގި މި ހިތާމަވެރި ހާދިސާގައި ކުޑަ ކުއްޖަކާއެކު ޖުމްލަ ފަސް މީހަކު މަރުވިއެވެ. މީގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުންނެވެ.

ހަނިމާދޫ އާއި މަރުވި މީހުން ނިސްބަތްވާ ނޮޅިވަރަންފަރުގެ ވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު މި ފަސް މީހުންގެ ކަށުނަމާދު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު 2:00 ޖެހިއިރު ހަނިމާދޫ މިސްކިތުގައެވެ. މަރުވި ފަސް މީހުން ވެސް ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ.