އަލީ ރިފްޝާން
ރޭސިން ޓްރެކެއް ނެތީސް، ގައުމީ ރޭސިން އެސޯސިއޭޝަން ނުއުފެއްދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު އެހެން ވިދާޅުވެފައިވާ އިރު، އަންނަ މަހު ކުރިއަށްގެންދާ ކަޓުކުރުންދާ ނަވެލް އެއާބޭސް އިވެންޓުގައި ބައިވެރިވުމަށް ރާއްޖޭގެ ފަސް ދުއްވުންތެރިން ސްރީލަންކާއަށް ގޮސްފައިވަނީ ސަރުކާރުގެ އެހީތެރިކަމެއް ނުލިބުމުން އަމިއްލަ ހަރަދުގައި ކަމަށް އެޓީމުން ވަނީ ބުނެފައެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް ކަމަށާއި ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ކުރިން، ނެތް ވަސީލަތްތައް ގާއިމުކުރަން ޖެހޭ ކަމަށެވެ.
"ރޭސިން ޓްރެކެއް ނެތީސް، ނޭޝަނަލް ރޭސިން އެސޯސިއޭޝަން ނުހެދޭނެ. ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް. ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ކުރިން، ނެތް ވަސީލަތްތައް ގާއިމުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ އިވެންޓުގައި ވާދަކުރުމަށް ލަންކާއަށް ދިޔަ ޓީމުގައި ހިމެނޭ ޔޫސުފް މާޒިންއަށް ވެސް މަހުލޫފު ވަނީ ރައްދުދެއްވައިފައެވެ. މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އޯޑަރަށް އެކެއް ފެބްރުއަރީގައި ދޮގު ބަޔާން ދިން ގޮތަށް މާޒިން ބޭނުންވަނީ ރޭސިންގެ ކުރިމަރާލަން ކަމަށެވެ.