ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 1.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މަރިޔަމް ޝަހުދާ

ވައިމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ މަސްތުވާތަކެތި ފެނުނީ އިންޑިއާގެ ޓްރިވެންޑްރަމުން މިއަދު ރާއްޖެއައި 48 އަހަރުގެ އިންޑިއާ ރައްޔިތެއްގެ ލަގެޖުން ކަމަށެވެ.

އެގޮތުން އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީހުން ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގެން ތަކެތީގެ ބަރުދަނުގައި 4.195 ކިލޯގެ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގެން މީހާ އާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.