ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އާ އަހަރަކީ ގައުމަށްޓަކާ ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރަން ލިބޭ ފުރުސަތެއް: ރައީސް

ހަރަކަށް އަލްވަދާއު ކިޔައި، އާ އަހަރަކަށް މަރުހަބާ ކިޔާ މުނާސަބަތަކީ ގައުމުގެ ހެވާއި ލާބަޔަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، އާ އަހަރަކަށް މަރުހަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން އިބްރަތްތަކުގެ އަލީގައި، ކުރިމަތި އަލުން ބައްޓަން ކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެއް ކަމަށެވެ.

އަދި ފަރުދީ ފެންވަރުގައި އައިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާއީ އެކުވެރިކަމުގެ ތެރެއިން ގައުމުގެ ހެވާއި ލާބަޔަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ގައުމަށްޓަކައި އަޅުގަނޑުމެން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިހްސާސްތަކެއް ހިއްސާކުރާ، އެއް ހަމަތަކެއް ގަބޫލުކުރާ، އެއް ހައްގުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައި،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހިޖްރީ ތާރީހް ރަމްޒުކޮށްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އިޖުރައިގެ ހިޔަލުގައި އުފަންވެގެން އައި، އިސްލާމީ އުންމަތުގެ ފެށުން ކަމަށާއި އެ މަތިވެރި ޒިކުރާ ހިތްމައްޗަށް ގެނެސްދެނީ، މި އުންމަތުގެ ބިންގާ އެޅިގެން ދިޔަ ގޮތް ކަމަށެވެ.

އަދި އިސްލާމީ އުންމަތް ދެމިއޮތުމަށްޓަކައި މުސްލިމުންގެ މެދުގައި އެކުވެރިކަމާއި ސުލްހަވެރިކަން ގާއިމްވެފައި އޮތުމާއި މާއްދީ އެދުމެއް ނެތި، އިންސާނީ އަހްވަންތަކަމާއި ﷲގެ އެއްކައުވަންތަކަމުގެ އަގީދާގެ މަތީގައި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ދެމިތިބުމުގެ ބޭނުންތެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ އަނިޔާއާއި ބޭއިންސާފު ނައްތަައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި އިންސާނީ ކަރާމާތް ދަމަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމަށް ރައީސްގެ ހިތާބުގައި ފާހަގަކުރައްވައިފައިވެއެވެ.

"ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، އަޅުގަނޑުމެންގެ ހަޔާތުގައި އަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމެވެ. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި އާއިލީ ގުޅުންތަކާއި އިޖްތިމާއީ ރަހްމަތްތެރިކަން ދެމެހެއްޓުމުގައި ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.