ޚަބަރު

ހަތެއް ފެބްރުއަރީގައި ފުލުހުންނާއި ސިފައިން ދެއްކި ނުކިޔަމަންތެރިކަން ބަލަންޖެހޭ: ނަޝީދު

މަރިޔަމް ޝަހުދާ

1

އެމަނިކުފާނުގެ ވެރިކަން ބަދަލުވި، ހަތެއް ފެބްރުއަރީ 2012 ގައި ފުލުހުންނާއި ސިފައިން ދެއްކި ނުކިޔަމަންތެރިކަން ބަލަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އެމްޑީޕީ ޔޫތް ކޮންގްރެސްގެ ސެޝަނެއްގައި 2012 ވަނަ އަހަރުގެ "ބަޣާވާތް" އަލުން ތަހުގީގު ކުރަން ޖެހޭތޯ ބައިވެރިއަކު ކުރި ސުވާލެއްގައި ޖަވާބުދައި ނަޝީދު ވިދާޅުވީ، އެދުވަހުގެ ހާދިސާއަކީ ނުކިޔަމަންތެރިކަމެއް ކަމަށެވެ. އަދި ގައުމެއްގެ ސަލާމަތީ ބާރުތައް ނުކިޔަމަންތެރިކަމެއްގެ ތެރޭގައި އޮތުމަކީ ގޯހެއް ކަމަށް ވިދާޅުވިއެވެ.

''އެއީ މިއުޓިނީ އެއް. އިންސަބްއޯޑިނޭޝަން، އަމުރަށް ނުކިޔަމަންތެރިވުން. ލައިން އޮފް ކޮމާންޑް ގެއްލުން. އެއީ ހަގީގަތުގަ ދައުލަތަކަށް ރަނގަޅެއް ވާނެކަމެއް ނޫން. އަޅުގަނޑަށް ފެންނަ ގޮތުގައި އެ މިއުޓިނީ ބަލަން ޖެހޭނެ.'' ނަޝީދު ވިދާޅުވިއެވެ.

އޭރު އޮތް އެމްޑީޕީގެ ސަރުކާރު "ބަޣާވާތަކުން" ވައްޓާލީ ކަމަށް މީގެ ކުރިން ރައީސް ނަޝީދާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރެއެވެ. ނަމަވެސް އެ މައްސަލަ ބަލަންޖެހޭނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު، އެދުވަހުގެ ހަމަނުޖެހުން އަލުން ބެލުންވެގެން ދާނީ ހަމަނުޖެހުން އުފެދި މަސްލަހަތު ގެއްލޭނެ ކަމަށް ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފުލުހުންނާއި ސިފައިން ނުކިޔަމަންތެރިކަން ދައްކައި ހިނގި ހަމަނުޖެހުންތަކުގައި ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، އޭރު އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ވެސް އިމްރާނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟