ޚަބަރު

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން: ހުތުބާ

ހިޖުރައިގެ މާނަތަކުގެ ތެރެއިން އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް މިއަދުގެ ހުކުރު ހުތަބާގައި ވިދާޅުވެއްޖެއެވެ.

"ހިޖްރައިގެ ދަރުސްތަކުގެ ތެރެއިން" މި މައުޟޫއަށް ދިން މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދިނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ހިޖުރައިން ނެގިގެންދަނީ ހަމައެކަނި ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަން ދިއުމަށްވުރެ މާ ފުޅާ މާނައެއް ކަމަށާއި އެގޮތުން ހިޖުރައިގެ މާނަ ތަކުގެ ތެރެއިން އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ސުވާލު ދެންނެވުމުން އެކަލޭގެފާނު ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ. "އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވަޑާއި ނުގަންނަވާ ކަންކަމާ ދުރުހެލިވުމެވެ."

ހިޖުރައިގައި ތަފާތު އެތައް އިބުރަތް ތަކެއްވާކަން ފާހަގަކުރައްވާ ހުތުބާގައި އިތުރަށް ވިދާޅުވީ ހިޖުރައިން ލިބޭ އަނެއް އަގުހުރި ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާ ދޫކުރައްވާ މައްކާއިން ނުކުމެ މަދީނައަށް ހިޖްރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ހުރިހާ ކަމެއް ގުރުބާން ކުރައްވާ ދީނުގެ ދިފާއުގައިކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

ހިޖްރައިން ލިބޭ އަނެއް ފިލާވަޅަކީ ހުތުބާގައި ވިދާޅުވި ގޮތުގައި، ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާ ކަނކަން ކުރާނެ ފަރާތްތައް ކަނޑައަޅާ ފުރިހަމައަށް ހަމަޖައްސާފައިވުން ކަމަށެވެ.

އެގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރައަށް ނުކުންނެވި ރޭގައި އަލީގެފާނު ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްްޕުމާއި އަބޫބަކުރުގެފާނު ދަތުރުގެ ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރަން ފައްޓަވާފައިވުމަކީ އޭގެ ފިލާވަޅެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބޭނެ ކަމުގެ ފިލާވަޅު ހިޖުރައިން ލިބޭކަން އިޝާރާތް ކުރައްވާ ހުތުބާގައި ވަނީ ރަސޫލާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބެވި ހާދިސާ ފާހަގަކުރައްވައިފައެވެ.

ހިޖުރައިގެ މަތިވެރި ޒިކްރާ ގުޅިފައިވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރަ ކުރައްވައި މައްކާއިން މަދީނާއަށް ވަޑައިގެންނެވި ހާދިސާ އާއި ގުޅިގެން އިންލާމްދީނުގެ ބިންގާ އެޅުނު ހާދިސާއަށް ކަމަށާއި އެގޮތުން މި ހާދިސާއިން ލިބޭ އިބުރަތް ތަކުގެ ތެރޭގައި މާތްﷲ އަށް ވަކީލުކުރުމުގެ މުހިންމުކަން ފާހަގަވާކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ވަކީލު ކުރުމަކީ އެއްވެސް ހާލެއްގައި ތިމަންނާ ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫން ކަމަށާއި ވަކީލުކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު މާތްﷲ ގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނެ ކަމަށް ޔަގީންކޮށްގެން ހުރުން ކަމަށެވެ.