ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރު ކުރަނިކޮށް، ބަންޑުން ޖަހާލި ލޯންޗުން ސަލާމަތްވި އެންމެންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ހަނިމާދޫ ހޮސްޕިޓަލުން ބުނެފިއެވެ.
އިއްޔެ 12:45 ހާއިރު 10 މީހުންނާއެކު ދަތުރުކުރަނިކޮށް ކޮޅިގަނޑެއްގައި ޖެހި ހަނިމާދޫގެ ދެކުނުކޮޅު ކަޑިންމަ ކައިރިއަށް ވަންނަން އުޅުމުގެ ތެރޭގައި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ވެސް ހިމެނެއެވެ. ހާދިސާގައި ސަލާމަތްވީ ލޯންޗުގެ ކެޕްޓަން އާއެކު ފަސް މީހެކެވެ.
މިހާދިސާގައި މަރުވީ، އެއް އާއިލާއަކަށް ނިސްބަތްވާ ނޮޅިވަރަންފަރުގެ އެންމެ ގިނަ ދުވަސްވީ މުދައްރިސް، ހުސެއިން އަބްދުﷲ (55 އ) އޭނާގެ އަންހެނުން މަރިޔަމް މޫސާ (48 އ)ގެ އިތުރުން އެ ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ފާތުމަތު ގުރައިޝާ އަބްދުﷲ (30 އ) އަދި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު އީރާ ހަސަން ޝިފާޒެވެ.
ހަތަރު މީހުންގެ އިތުރުން ދެން މަރުވީ، މަރުވި ހުސެއިން ވަހީދުގެ އާއިލާގެ އަވަށްޓެރިއެއް ކަމަށްވާ އައިޝަތު އަލީ (51 އ)އެވެ.
ހަނިމާދޫ ހެލްތް ސެންޓަރުން "ވަން" އަށް މައުލޫމާތުދެމުން ބުނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ފަސް މީހުންގެ ތެރެއިން ދެ މީހުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަަމަށެވެ. އަނެއް ތިން މީހުން ދޫކޮށްލާފައިވާނީ މިއަދު ހެނދުނުގެ 10:30 ހާއިރުއެވެ. އަދި ހޮސްޕިޓަލުން ފަރުވާދިން އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ހަނިމާދޫ އާއި މަރުވި މީހުން ނިސްބަތްވާ ނޮޅިވަރަންފަރުގެ ވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު މަރުވި ފަސް މީހުންގެ ކަށުނަމާދު ކޮށްފައިވަނީ ރޭގެ ދަންވަރު 2:00 ޖެހިއިރު ހަނިމާދޫ މިސްކިތުގައެވެ. ފަސް މީހުން ވެސް ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ.