ޚަބަރު

33 ގައުމެއްގެ ބައިވެރިންނާއެކު ދުނިޔޭގެ ސުލްހައަށް ގޮވާލައި ރާއްޖޭގައި ހިނގާލުމެއް ބާއްވައިފި

އާނިފާ ހުސެއިން ސިރާޖް

ދުނިޔޭގެ ސުލްހައަށް ގޮވާލައި ދުނިޔޭގެ 33 ގައުމެއްގެ ބައިވެރިންނާއެކު ރާއްޖޭގައި ހިނގާލުމެއް ބާއްވައިފިއެވެ.

ރީޖަނަލް އެލަޔަންސް ފޯ ފޯސްޓެރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މިއަދު ހުޅުމާލޭގައި ބޭއްވި އެ ހިނގާލުމަކީ، ރާއްޖޭގައި މިހާރު ކުރިއަށްދާ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމްގެ ތެރެއިން ހިންގި ހަރަކާތެކެވެ.

ރަފީ ޖަމިއްޔާއިން ބުނީ، ސުލްހަވެރިކަމާއެކު ސުލްހައަށް ގޮވާލައި ބޭއްވި އެ ހަރަކާތުގައި ދުނިޔޭގެ 33 ގައުމަކުން 200 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި ކަމަށެވެ.

ރަފީ ޖަމިއްޔާގެ ރައީސް އައިޝަތު ރަފިއްޔާ (ރަފީ) މީގެ ކުރިން ވިދާޅުވީ، މިއަދުގެ ހިނގާލުމުގައި ދުނިޔޭގެ ސުލްހައަށް ގޮވާލުމުގެ އިތުރުން ޒުވާނުންގެ ފަގީރުކަން ނައްތާލުމަށް ވެސް ގޮވާލާނެ ކަމަށެވެ. އަދި މުޅި ދުނިޔޭގައި ވެސް ޒުވާނުންގެ ފަގީރުކަމާއެކު އުޅުމަކީ އާންމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޒުވާނުން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވާ ކަމަށެވެ.

އެގޮތުން މިއަދުގެ ހިނގާލުމުގެ ސަބަބުން މީހުން އެކަމަށް ބޮޑަށް ހޭލުންތެރިވެ އެކަމާ ވާހަކަދައްކައި މައްސަލަ ދެނެގަންނަން މަސައކަތް ކުރަން ލިބޭނެ ކަމަށް ރަފީ ވިދާޅުވެފައިވެއެވެ.

ސުލްހައަށް މަސައްކަތް ކުރާ އެމްބެސެޑަރުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމަކީ ޖަފީ ޖަމިއްޔާ އާއި ޔޫތު މިނިސްޓްރީން ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގައި ފަށައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ހުރިހާ ޒުވާނުން ވެގެންދާނީ އެޒުވާނެއްގެ ގައުމުގައި ސުލްހައަށް މަސައްކަތް ކުރާ ޕީސް އެމްބެސަޑަރަކަށް ކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ.

އެގޮތުން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮގްރާމްގައި ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރާއިން ވެސް ބައިވެރިވާއިރު، މިއީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްދާ މިފަދަ އެންމެ ފުރަތަމަ ޕްރޮގްރާމެވެ.

ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.