ޚަބަރު

ގިނަ ބައެއްގެ ބައިވެރިވުމާއެކު މަރުވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

މިއަދު ހިނގި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ޖަނާޒާ، ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.

ދިހަ މީހުންނާއެކު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. އެ ހާދިސާގައި މަރުވީ ތިން އަންހެނުންނާއި ފިރިހެނަކާއި ތިން އަހަރުގެ ކުއްޖެކެވެ.

ހަނިމާދޫ އާއި މަރުވި މީހުން ނިސްބަތްވާ ނޮޅިވަރަންފަރުގެ ވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު މަރުވި ފަސް މީހުންގެ ކަށުނަމާދު ކޮށްފައިވަނީ މިރޭ ދަންވަރު 2:00 ޖެހިއިރު ހަނިމާދޫ މިސްކިތުގައެވެ. ފަސް މީހުން ވެސް ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ.

އެއް އާއިލާއަކަށް ނިސްބަތްވަނީ، ނޮޅިވަރަންފަރުގެ އެންމެ ގިނަ ދުވަސްވީ މުދައްރިސް، ހުސެއިން އަބްދުﷲ (55 އ) އޭނާގެ އަންހެނުން މަރިޔަމް މަނިކެ (48 އ)ގެ އިތުރުން އެ ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ފާތުމަތު ގުރައިޝާ އަބްދުﷲ (30 އ) އަދި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު އީރާ ހަސަން ޝިފާޒެވެ.

ހަތަރު މީހުންގެ އިތުރުން ދެން މަރުވީ، މަރުވި ހުސެއިން ވަހީދުގެ އާއިލާގެ އަވަށްޓެރިއެއް ކަމަށްވާ އައިޝަތު އަލީ (51 އ)އެވެ.